ސްވިޑަންގައި އުޅޭ އިރާގުގެ ރައްޔިތަކު އިސްލާމް ދީނަށް ތައުހީނު ކޮށް ޤުރުއާނުގެ ކޮޕީއެއް އަންދާލި މައްސަލައިގައި ރުޅި އައިސްގެން އިރާގުގައި ހުންނަ ސްވިޑަން އެމްބަސީގައި ރޯކޮށްލައިފިއެވެ.

އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ އެމްބަސީގައި ރޯކޮށްލި މީހުން ވަނީ އެތާނގެ ފާރުތަކުގައި ކުރަހާ އެއްޗެހި އުކާ ހަދާފައެވެ. އަދި އެމީހުން ވަނީ އިރާގުގައި ނުފޫޒު ގަދަ މުގްތަދާ އަލް ސަދުރުގެ ލީޑަރުގެ ރަމްޒުތަކާއި ދިދަތައްވެސް އެމްބަސީ ކުރިމަތީގައި ވިހުރުވާފައެވެ.

މިކަމާ ގުޅިގެން އެމްބަސީން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ އެތާނގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ތިބީ ރައްކާތެރި ކަމާއެކުގައި ކަމަށާއި ހަމަނުޖެހުން ހިންގާ އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވާ އެމްބަސީތައް ހިމާޔާތް ކުރުމަކީ އިރާގު ސަރުކާރުގެ ޒިމްނާއެއް ކަމަށެވެ.

އިރާގުގެ ހާރިއްޖާއިން މި އަމަލު ކުށްވެރި ކޮށްފައި ވާ އިރު އަލިފާން ނިއްވުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރި ވެފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން ދުރައް ޖައްސާ އެމްބަސީ ރައްކާތެރި ކޮށްފައި ވާ އިރު މުޒާހަރާގެ ބައިވެރިން ބުނީ، ދެންވެސް ޤުރުއާން އެންދުން ފަދަ ކަމެއް ކޮށްފިނަމަ އަދިވެސް މުޒާހަރާ ކުރާނެ ކަމަށެވެ.

އިރާގުގައި މި މުޒާހަރާ ކުރި އިރު ސްވިޑަންގައި ޤުރުއާން އެންދި މީހާ އޮތީ މިއަދުވެސް ޤުރުއާނުގެ ކޮޕީއެއް އެންދުމަށް ނިންމާފައެވެ. އަދި އެކަމަށް އެގައުމުގެ ފުރުހުން ފުރުސަތު ދީފައި އޮތް ކަމަށާއި އެމްބަސީއަށް ހަމަލާ ދިނީ އެކަން އެމީހުންނަށް އެނގިގެން ކަމަށް ހަބަރުތައް ބުނެއެވެ.

ސްވިޑަންގައި ޤުރުއާން އެންދި އިރާގު މީހާ އެކަން ފުރަތަމަ ކުރީ މިދިޔަ އަޟްހާ އީދު ދުވަހު ސްޓޮކްހޯމްގެ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ. އެފަހަރުވެސް މުގްތަދާ އަލް ސަދުރުގެ ސަޕޯޓަރުން އިރާގުގައި ހުންނަ ސްވިޑަން އެމްބަސީއަށް ގާއުކާފައި ވެއެެވެ.

ޤުރުއާން އެންދި މައްސަލައިގައި އިރާގު، ތުރުކީ، ޔޫއޭއީ، އުރުދުން، މޮރޮކޯ ފަދަ ގައުމުތަކުން އިހުތިޖާޖުވެސް ކުރިއެވެ. އަދި އެގައުމުތަކުގައި ހުންނަވާ ސްވިޑަންގެ ސަފީރުން ފޮރިން މިނިސްޓްރީ އަށް ހާޒިރުކޮށް ސުވާލުކޮށް ހަދާފައިވެސް ވެއެވެ.

ސްވިޑަންގައި ޤުރުއާން އެންދުމަށް ހުއްދަ ދެނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް އެގައުމުގެ އިދާރާތަކުން ބުނެއެވެ.