މުސްލިމުންގެ އުފާވެރި އީދު ދުވަހު، މުސްލިމުން ރުޅިއެރުވުމުގެ މަގުސަދުގައި ސްވިޑަންގައި ކީރިތި ގުރުއާން އަންދާ ތައުހީނުކޮށް ހަދައިފިއެވެ.
މުސްލިމުންގެ މެދުގައި މަގުބޫލު ސްވިޑަންގެ މިސްކިތެއް ކަމަށް ވާ ސްޓޮކްހޯމް ސެންޓްރަލް މޮސްކް ކުރިމަތީ، ފުލުހުންގެ ވެސް ހާޒިރުގައި 2 މީހަކު ވެގެން ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތާފައި ވާ އިރު، ސްވިޑަން އަކީ، ކީރިތި ގުރުއާނަށް އިހާނެތޮކޮށް ހިތާ މައްސަލައިގައި ގިނަ ބައެއްގެ ނުރުހުން އަމާޒުވާ ގައުމެކެވެ. އަދި މިއީ ނޭޓޯގެ މެންބަރަކަށް ވުމަށް ސްވިޑަން ކުރަމުން އައި މަސައްކަތަށް ތުރުކީން ދެކޮޅު ހަދާ އެއްސަބަބުވެސް މެއެވެ.
މިސްކިތް ކުރިމަތީ ފުލުހުންގެ ހާޒިރުގައި ގުރުއާން އަންގާ ބިންމައްޗަށް ވައްޓާލައި ފައިން އަރާ އިހާނެތިކޮށް ހިތި ދެމީހުންގެ ތެރެއިން އެކަކީ، އީރާގުން ސްވިޑަން އަށް ހިޖުރަ ކުރި މީހެއް ކަމަށް ހަބަރުތައް ބުނެެއެވެ. ދެވަނަ މީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް އިދާރާތަކުން ބުނެފައި ވާ އިރު، އޭނާ ވަނީ، މެގަފޯން [އަޑުގަދަކުރާ] ބޭނުން ކޮށްގެން، އެއްވެ ތިބި މީހުންނާ މުހާތަބު ކޮށް ވާހަކަ ދައްކާފައެވެ.
ގުރުއާން އަންދާ އިހާނެތިކޮށް ހަދާތަން ބަލަން ބަޔަކު މީހުން އެއްވެ ފޮޓޯ ނަގާ ވީޑިއޯ ކުރަމުން ދިޔަ އިރު، ފުލުހުން ތިބީ ގުރުއާނަށް އިހާނެތިކޮށް ހިތަމުން ދިޔަ މީހުންނާއި އެއްވެ ތިބި މީހުންނާ ދެމެދު ފާރައަށެވެ. އެވަގުތު އެތަނަށް އެއްވެފަައި ތިބި މީހުންގެ ތެރެއިން މުސްލިމް ބައެއް ޒުވާނުން ވަނީ ފުލުހުންނާ ކުރިމަތިލާއި، ބައެއް ސުވާލުތައް ވެސް ކުރިމަތި ކޮށްފައެވެ. އެގޮތުން ބައެއް ޒުވާނުން ބުނެފައި ވަނީ، އެމީހުންނަކީ މުސްލިމުން ކަމަށާއި އެމީހުންގެ ހިތުގައި އޮތް މުސްލިމް ކަން ނަގައިގެން ނުގެންދެވޭނެ ކަމަށާއި، ނަމަވެސް އެމީހުންނަކީ ސަމާލުކަން ހޯދަން އެހެން [ގުރުއާން އެންދި މީހުންހެން] އުޅޭނޭ ބައެއް ނޫންކަމަށެވެ.
އިތުރު އެހެން މީހަކު، ސޮލީބެއް ހިފައިހެން ހުރި ނަސާރާ އަންހެނަކާ ކުރިމަތިލާ ކުރި ޒުވާބެއްގައި ބުނެފައި ވަނީ، [އަންހެން މީހާ] އޭނާގެ ދީނަށް ވެސް ހުރި ހުތުރެއް ކަމަށެވެ. އަދި ބުނެފައި ވަނީ އެއްބަޔަކު އަނެއް ބަޔަކާ އެކުގައި ނޫޅެވޭންވީ ކީއްވެތޯއާއި އެމީހުންނަކީ ރައްޓެހިންނަށް ވުރެ ބޮޑަށް ބޭބެއިންނާއި ދައްތައިން [ގާތްކަން އަންގައިދޭން ބޭނުން ކުރާ ޖުމްލައެއް] ކަމަށެވެ.
ސްވިޑަންގައި މީގެ ކުރިންވެސް ހިނގާފައިވާ މިފަދަ ހާދިސާ ތަކާ ހުރެ، އެގައުމު ނޭޓޯއަށް ވަންނަން ކުރާ މަސައްކަތަށް މުސްލިމް މެޖޯރިޓީ ގައުމެއް ކަމަށް ވާ ތުރުކީން ވަނީ ހުރަސް އަޅާފައެވެ. ތުރުކީއަކީ ނޭޓޯގެ މެންބަރަކަށް ވާއިރު، ނޭޓޯއަށް އާ މެންބަރުން ވެއްދޭނީ މިހާރު ނޭޓޯގެ މެންބަރުކަމުގައި ތިބި ގައުމުތަކުން ރުހޭ ނަމައެވެ.