ސްވިޑަންގެ ސްޓޮކްހޯމްގައި ހުންނަ މައި މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާނުގެ ކޮޕީ އެންދި މައްސަލަ ސްވިޑަންގެ ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

އެގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެއްވެސް ދީނެއްގެ މުގައްދަސް ފޮތްތަކާއި ލިޔުންތަން އަންދާ ގެއްލުން ދީ ހެދުމަކީ، އިހުތިރާމް ކުޑަކޮށް ވަކިބަޔަކު ރުޅިއެރުވުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ނަސްލީ ތަފާތު ކުރުމުގެ ތެރެއިން ވަކިބަޔާ މެދު ހިތްހަމަ ނުޖެހޭތީ ކުރާ ކަމެއް ކަމަށާއި އެފަހަ ކަންކަމަށް ޔޫރަޕުގައި ޖާގަ ނޯންނާނެ ކަމަށެވެ.

މީގެ ކުރިންވެސް ސްވިޑަންގައި ޤުރުއާނުގެ ކޮޕީ އެންދި މައްސަލައެއްގައި ހަމަ މި އިބާރާތުން ސްވިޑަން ސަރުކާރުން ބަޔާނެއް ނެރެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ، އެއްވެ އުޅުމުގެ މިނިވަން ކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް އެގައުމުގެ ގާނޫނު އަސާސީން ފުރިހަމައަށް ޖާގަ ދީފައި ވާ ކަމަށާއި ޤުރުއާން އެންދުމަކީ އެގައުމުގެ ސަރުކާރުގެ ސިޔާސަތާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން ކަމަށެވެ.

ސްވިޑަން އިން މި ބަޔާން ނެރުނީ، ޤުރުއާން އެންދި މައްސަލަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުށްވެރިކުރަމުން ދިޔުމާއި، ސައުދީގައި އޮންނަ 57 މެންބަރުން ހިމެނޭ އޯއައިސީގެ ބައްދަލުވުމުގައި އެ މައްސަލައިގައި ބަހުސް ކުރުމުގެ އިތުރުން، ބައެއް ގައުމުތަކުގައި ތިއްބަވާ ސްވިޑަންގެ ސަފީރުން ފޮރިން މިނިސްޓަރީތަކަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނިކޮށެވެ.

ރާއްޖެއިން ވެސް ބައިވެރިވި އޯއައިސީން ބުނެފައި ވަނީ، ކީރިތީ ޤުރުއާނަށް އިހާނެތިކޮށް ހިތުން ނައްތާލުމާއި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ގުޅިގެން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ސްވިޑަންގައި ކުރި ކަންތައް ހަރުކަށި އިބާރާތުން ކުސްވެރި ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

ސްވިޑަންގައި ޤުރުއާނުގެ ކޮޕީ އަންދާލީ، އެގައުމަށް ހިޖުރަ ކޮށްގެން އުޅޭ އިރާގަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ މީހެކެވެ. އޭނާ އެކަން ކުރި އިރު، ކުޅިބަލާ މީހުންނާއި ފުލުހުންވެސް ތިއްބެވެ. ފުލުހުން އެކަން ހުއްޓުވާފައި ނުވާ އިރު، ފުލުހުން ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން އޭނާ އަށް ފުރުސަތުވެސް ދީފައެވެ. ނަމަވެސް މައްސަލަ ހޫނުވުމާ ގުޅިގެން މިހާރު ފުލުހުން ވަނީ ތަހުގީގެއް ފަށާފައި ވާ ކަމަށް ބުނެފައެވެ.