މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމުކޮށްގެން ދޭ އޭޝިއާ ބައްރުގެ "ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2021" ގެ "މޯސްޓް އިންސްޕަޔަރިން އެގްޒެކެޓިވްސް އެވޯޑު" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއަށް ލިބިއްޖެއެވެ.

މުޣުނީއަށް މި އެވޯޑު ލިބުނީ މިދިޔަ ތިން އަހަރު ސްޓެލްކޯގެ އެމްޑީގެ ހައިސިއްޔަތުން ސްޓެލްކޯއާއި، އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކުރެއްވި މަސައްކަތްތަކާއި، ތިން އަހަރުގެ ތެރޭ ސްޓެލްކޯ ކުރިއަރައިގެން ގޮސްފައިވާ ސްޕީޑާ ގުޅިގެންނެވެ.

މިއީ މި އެވޯޑު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މި އެވޯޑު ލިބުމާ ގުޅިގެން މުޣުނީ ވިދާޅުވީ، ރަނގަޅު ލީޑަރަކަށް ވެވޭނީ މަސައްކަތުގެ މާހައުލުގައި ތަފާތުދައްކައި، ހިތްވަރާއެކު މަސައްކަތްކޮށް، އިލްމާއި ގިނަ ދުވަހުގެ ތަޖުރިބާ ހޯދައިގެން ކަމަށާއި، ލީޑަރެއްގެ އެންމެ މުހިއްމު ސިފަޔަކީ އެހެން މީހުންގެ ކިބައިގައި ހުންނަ ހާއްސަ ސިފަތައް ދެނެގަނެ، އެފަދަ ސިފަތައް ބޭނުން ކުރަން މީހުންނަށް ދަސްކޮށްދީ އެ ދާއިރާއަކުން މީހުން ބާރުވެރިކުރުވުމުގެ ގާބިލިއްޔަތުކަން ހުރުން ކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގާއި އެއާ އޭޝިއާ އާއި ޓާޓާ ގްރޫޕް ފަދަ ކުންފުނިތަކުން ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑް އެކި ކެޓަގަރީތަކުން ހާސިލް ކޮށްފައިވެއެވެ.

މި އެވޯޑުގެ އިތުރުން، ސްޓެލްކޯގެ އެމްޑީގެ ގޮތުގައި ހުންނަވައި މުޣުނީ ކުރެއްވި މަސައްކަތްތަކާ ގުޅިގެން އޭނާއަށް ވަނީ އޭޝިއާގެ "އެޗްއާރު ލީޑަޝިޕް އެވޯޑްސް"ގެ "އެގްޒެމްޕްލަރީ ލީޑާ އޮފް ދި އިޔާ" އާއި އޭޝިއާގެ "ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް" ގެ "އިމާޖިން ލީޑާ އޮފް ދި އިޔާ"ގެ އެވޯޑްވެސް ލިބިވަޑައިގެންފައެވެ.

މުޣުނީގެ އިތުރުން، ސްޓެލްކޯއަށް މީގެ ކުރިން ލިބިފައިވާ ބައެއް އެވޯޑުތައް:

  • 2019 ގައި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑް
  • 2021 ގައި "އެޗްއާރު ލީޑާޝިޕް އެވޯޑްސް"ގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ އެވޯޑް
  • 2020 ގައި ކޯޕަރޭޓް ގަވަނަންސް އެންމެ ރަނގަޅު ކުންފުންޏަކަށް ސީއެމްޑީއޭއިން ދޭ "ސީޖީ އެފޯޓްސް އެވޯޑް"
  • 2020 ގައި "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް

ވޭތުވެދިޔަ ތިން އަހަރު ސްޓެލްކޯއިން ކުރި މަސައްކަތްތައް

  • ސްޓެލްކޯގެ ކޯޕަރޭޓް ގަވަނަންސް ރަނގަޅުކުރުމުގެ ގޮތުން، މުވައްޒަފުންގެ ސުލޫކީ މިންގަނޑު ފުށޫއަރާ ފަދަ ކަންކަމުން އެކަހެރިވުމާއި، ކުންފުނީގެ އެތެރޭގައި ވިސްލްބްލޯވިން ނިޒާމެއް ގާއިމްކުރުން
  • ކުންފުނީގެ ހުރިހާ ހިދުމަތެއް އައިއެސްއޯ 9001:2015 އަށް ސެޓިފައި ކުރުން
  • ސްމާޓްމީޓަރާއި ސްމާޓް ގްރިޑް ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ބޭނުންކުރަން ފެށުން
  • ސްޓެލްކޯގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ފްލޯޓިން ސޯލާ ޕޮޑް ތައާރަފްކުރުން
  • ގްރީންލައިފް އިނިޝިއޭޓިވް އިފްތިތާހުކޮށް، ކަސްޓަމަރުންނަށް ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން
  • މާލެއާއި ހުޅުމާލެއާއި ދެމެދު ބަސް ދަތުރުކުރާ ފަރާތްތަކަށް ފުރަތަމަ 100 ޕަސެންޓު ސޯލާ ހަކަތަ ބޭނުންކުރާ ބަސް ސްޓޮޕެއް ހުލުވުން
  • ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް މާލެއާއި، ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ސޯލާ ޕެނަލް ހަރުކޮށް ބޭނުންކުރުން
  • "ސްޓެވޯ"ގެ ނަމުގައި ސްޓެލްކޯ އިން އަމިއްލަ ބްރޭންޑެއްގެ ޖަނަރޭޓަރު އެސެމްބަލްކޮށް ރާއްޖޭގެ ބާޒާރަށް ނެރުން
  • އިޖުތިމާއީ ޒިންމާގެ ދަށުން، އަންހެނުން ބާރުވެރިކުރުވުމާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުން