ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު ތިން އަހަރު ފުރުނު އިރު 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވީ ބޮޑެތި ވައުދުތައް ފުއްދަން މަސައްކަތް ނުކުރާ ކަމަށާއި ފެނިގެން ދަނީ މި ސަރުކާރު ފެއިލްވެފައި އޮތް މަންޒަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ.
މިއަދު ރައީސް ސޯލިހުގެ ވެރިކަމަށް 3 އަހަރު ފުރޭތީ އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ސަރުކާރަށް ނުކުރެވި ހުރި ކަންތައްތައް ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން ޕްރެޒެންޓޭޝަންގައި 50 ޕޮއިންޓެއް ހިމާނާގައި ވާއިރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރަށް ދޭނީ "އެފް" ރިޕޯޓެއް ކަމަށާއި، އެއްވެސް ނަތީޖާއެއް ސަރުކާރަށް ނުނެރެވުނު ކަމަށެވެ. ރައްޔިތުން ތިބީ މާޔޫސްކަމުގެ ތެރޭގައި ކަމަށާއި، މި ސަރުކާރު މިއޮތީ ފެއިލްވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވަނީ ސަރުކާރަށް ތިންް އަހަރު ފުރުނު އިރު ނިމިގެން ދިޔައީ މުޑުދާރު ތިންް އަހަރުކަން ފާހަގަ ކުރައްވާފައެވެ.
އެމްޑީޕީ ލީޑްކުރާ މި ސަރުކާރުން ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެން ދިޔައީ އިސްލާމްދީނަށް އިހުތިރާމް ކުޑަވެފައިވާ މިންވަރާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ މަންޒަރުކަން ފާހަގަ ކުރައްވާ ވާހަކަ ދައްކަމުން އާދަމް ޝަރީފް ވިދާޅުވީ ދާދިފަހުން މިސްކިތަށް ކުޑަކަމުދިޔަ މީހާ މިސްކިތުގެ ހުރުމަތް ކެނޑިއިރުވެސް ފިޔަވަޅެއް ނާޅާ، އަދަބެއް ނުދިނުމުގެ ސަބަބުން އޭގެ ފަހުން ހަތިމަށް ކުޅުޖަހައިފައި ވާ ކަމަށެވެ. މީގެ އިތުރުން ކިންގް ސަލްމާން މިސްކިތާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތް ކުރި ހަނދާނީ ބިނާގެ މަސައްކަތް ނިމި ބޭނުން ކުރަން ނުފެށި ގިނަ ދުވަސްތަކެއް ވުމަކީ މިސަރުކާރުން ދީނީ ކަންކަމަށް އަހަންމިއްޔަތު ކަން ދޭ މިންވަރު ކުޑަކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިތުރަށް އާދަމް ޝަރީފް ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހާލަތާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އެތާގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ބޮލަށް ވާރޭވެހި ކިޔައިވައި ދޭނެ ތަންތަން ހަލާކުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ޖަޒީރާ ދިރިއުޅުމެއް ހޯދައިދޭނެ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ، މި ސަރުކާރު ވެރިކަމަށް އައިފަހުން އެތަށް ޒުވާނުން މަގުމަތިވެ، ނިދަން ނުވާނެ އެތަށް ތަނެއްގައި ނިދާ މައްޒަރު ފެނިގެން ދިއުމަކީ ރައްޔިތުން ކަނބޮޑުވާ ހިސާބަށް ދާން ޖެހިފައިވާ ކަމެއް ކަމަށް ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިހާރު މަގުމައްޗަށް މީހުން ނިކުންނަނީ އެނބުރި ގެއަށް ދެވޭނެ ކަމުގެ މިނިވަންކަން އޮވެގެން ނޫން ކަމަށާއި ގޮތް ނޭނގޭ މަރު އިންތިހާއަށް އިތުރުވެފައި ވާކަމަށެވެ.
ޒުވާނުންގެ ހައްގުތަކަށް ބޮޑުތަނުން އިހުމާލުވާކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް ކުޑަވެސް މަސައްކަތެއް ކޮށްފައި ނުވާއިރު ކްލަބު ޖަމިއްޔާތަކަށް ވެސް އެހީ ނުވާތާ، ޒުވާނުންނާއެކު މަޝްވަރާއެއްވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި އެތަންތަނަކީ މި ސަރުކާރަށް ނެތް ތަންތަނަށް ވަނީ ވެފައި ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. ޒުވާނުންގެ މިނިސްޓަރު ވެސް ދެދުވަހުން އެއްދުވަހު ހުންނަވަނީ ސަސްޕެންޑް ކޮށްފައި ކަމަށާއި ޒުވާނުންނަށް ބޭނުންވާ ފުރުސަތާއި ކުރިއަށް ދާން ބޭނުންވާނެ ވަސީލަތްތައް ފޯރުކޮށް ދީފައި ނުވާ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އޭގެ އިތުރުން ބޯހިޔާވަހިކަމުގެ ދާއިރާއިން ދެއްކި ހުވަފެންތައް ވެސް ހުރީ އެގޮތަށް ކަމަށް، އާދަމް ޝަރީފް ވިދާޅުވިއެވެ.
ފިިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރި މައްސަލައަށް އަލިއަޅުވާލައްވާ އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރު އައީ އެއްގަމާއި ކަނޑު، ކައުންސިލްތަކަށް ކަށަވަރުކޮށްދޭން ވައުދުވެގެން ކަމަށާއި އެހެންނަމަވެސް ފެނިގެން ދަނީ ގާނޫނުން ދީފައި އޮތް ބާރުވެސް ނަގާ ކައުސިލްތަކަށް ނޭނގި ގޮތް ނިންމާތަން ކަމަށެވެ. އަދި މިފަދަ ކޮންމެ ކަމެއްގައިވެސް ޕެޓިޝަން ހަދާ އިހުތިޖާޖު ކޮށްގެން ނޫނީ އެކަން ހައްލުވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ 3 އަހަރު ނިމިގެން ދިޔައިރު ރާއްޖޭގެ ހަރުމުދާތައް ވިއްކާ، ކުންފުނިތައް ވިއްކާ، ރާއްޖެ ބަނގުރޫޓް ގެ މަގަށް މިސްރާބު ޖަހާފައި ވާއިރު ކޮރަޕްޝަން ވެސް ހަަމަ އިންތިހާއަށް މަތިވަމުން ދާކަން އާދަމް ޝަރީފް ވިދާޅުވިއެވެ. ރާއްޖޭގެ ހަރުމުދަލާ ކުންފުނިތައް ވިއްކަމުން އެމްޑީޕީގެ މި ސަރުކާރުގައި ވެސް 2008ގެ ވެރިކަމުގައި ކަންކުރި ގޮތަށްް ދާކަމަށާއި، ކޮރަޕްޝަނަށް ދިން "ޒީރޯ ޓޮލަރެންސް" ވެސްް ތަންފީޒް ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ގޮތްނޭނގޭ ބޮޑެތި އެގްރީމަންޓްތަކެއް ހެދުމަށް ފަހު ބޭރުގެ ބޮޑެތި އަސްކަރީ ބަޔަކު، ރާއްޖޭގައި ތިބުމަށް ސަރުކާރުން ވާހަކަ ދައްކާކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ބޭރުގެ 75 ސިފައިން ތިބިކަން ހާމަވީވެސް އިދިކޮޅުން ކުރި މަސައްކަތުން ކަމަށެވެ.
ރޭޕްގެ މައްސަލަތަކާއި، ޖިންސީ ގޯނާގެ މައްސަލަތަކާއި، ކުޑަކުދިންނަށް ބޮޑެތި ނުރައްކާތައް ކުރިމަތިވެގެން ދާއިރު، އެފަަދަ އަަމަލުތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ފުރުސަތު ދީގެން ރާއްޖޭގެ ދޮރާށިތަކުން ނުކުމެގެން ދާ މަންޒަރުވެސް ފެންނަމުން ދާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައީސް ސޯލިހްގެ ސަރުކާރުގެ ތިން އަހަރުގެ ނަތީޖާއަށް ބަލާއިރު، ބޭރުގެ އިންވެސްޓަރުންގެ އެއްވެސް އިތުބާރެއް ރާއްޖެއަށް ނެތްކަމަށާއި، ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލުނު އެތައް ބައެއް މަގުމަތިވި އިރު، އެ މީހުންނަށް ރަނގަޅު ގޮތްތަކެއް ހޯދައި ދެވިފައި ނުވާ ކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަސްތުވާތަކެތިން ސަލާމަތް ކުރުމަށާއި ފަހުރުވެރި ދިވެހި އާއިލާއެއް ގެންނަން އައި ވެރިކަން، ދުވަހަކު ރާއްޖެ އެތެރެ ނުކުރާ ވަރަށް މަސްތުވާތަކެތި އެތެރެ ކުރިކަމާއި ފަހުރުވެރި އާއިލާއެއް އޮތް މާހައުލުން ޒުވާނުން މަގުމަތި ވެއްޖެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ފަހުރުވެރިކަމާ އެކު ރައްޔިތުން ދިރިއުޅޭނީ ކިހިނެތްތޯ ސުވާލު އުފައްދާ އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ތިބީ ބަނޑަށް ކަމަށެވެ.
މި ސަރުކާރުން އެއްވެސް ވައުދެއް ފުއްދުނުތޯ ސުވާލު އުފައްދަމުން އާދަމް ޝަރީފް ވަނީ ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމް ފެއިލްވެފައިވާ ކަމަށް ވިދާޅުވެފައެވެ. ބަރޯ ފަދަ އުޅަނދު ފަހަރުގައި ބަލި މީހުން އުފުލަން ޖެހުމަކީ ވަރަށްވެސް ހިތާމަވެރި ކަމެއްކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ އެއީ ސިއްހީ ނިޒާމް ފެއިލްވެފައި އޮތް ކަމުގެ އެއް ހެކި ކަމަށެވެ.
އިނދިކޮޅު މީހުން ބުންޏަސް ތެދެއް ވާނީތެދަށް ވަރަށް ސާފް
މީ ހަމަ 100 ގެ ތެދުވާހަކައެއް.