ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނިންމާފައި ވާތީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ރޭ މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގައި ތުހުމަތުވާ ކުޑަކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

އެ ކޮމިޝަނުން އެހެން ނިންމުމާ ގުޅިގެން މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ ކުއްޖަކާއި، މަރުގެ މައްސަލައެއްގައި ހުކުމެއް އިއްވާފައި ހުރި ކުއްޖަކު އެ ޖަލުގައި ނުބޭތިއްބޭނެ ކަމަށް ކަނޑައަޅައި ޖުވެނައިލް ކޯޓުން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އެއް ކުއްޖަކީ މާލޭގައި ރަހީނުކޮށް 13 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައި މޫދަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާއެވެ. އަނެއް ކުއްޖާއަކީ ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ހައްޔަރު ކުރި 17 އަހަރުގެ ކުއްޖާއެވެ.

13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ކުޑަކުއްޖާގެ މައްޗަށް އުފުލި ދައުވާގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުން، ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުމުގެ ދައުވާއެވެ.

މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު 8 ވަނަ ދުވަހުގެ ރޭ އުދައްޔުއަށް ހަމަލާދީ މަރައިލި މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ކ. ހިންމަފުށީ އައްސޭރި ޖަލު މިދިޔަ މަހު އިންސްޕެކްޓް ކުރުމަށް ފަހު އެޗްއާރުސީއެމް ނެރުނު ބަޔާނެއްގައި ވަނީ އެއީ ކުޑަކުދިންގެ ގާނޫނުން އެކުދިންނަށް ލިބޭ ހައްގުތަކަށް އުނިކަން އަންނާނެ ތަނެއްކަން ފާހަގަކޮށް، އެ ޖަލުތަކުގައި ތިބި ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެހެން ޖަލަކަށް ބަދަލުކުރުމަށް ކަރެކްޝަނަށް އަންގާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ނޮވެމްބަރުގެ 8 އިން 10 އަށް އެޗްއާރުސީއެމުން އައްސޭރި ޖަލަށް ކުރި ޒިޔާރަތުގައި، އެ ޖަލުގައި ގާއިމްކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ކަރެކްޝަންސް އިން ބުނި ނަމަވެސް، މިދިޔަ މަހުގެ 16 ގައި އައްސޭރި ޖަލަށް ޒިޔާރަތް ކުރުމުން، އެތަނުގައި ގާއިމް ކުރާ ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ނުނިމޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އެހެންވެ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން، 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުދިން، ރައްކާތެރި އެހެން މާހައުލަކަށް ބަދަލު ކުރުމަށާއި، އެ ތާރީހުން ފެށިގެން އެއްވެސް މައްސަލައެއްގައި ކުޑަކުދިން ބަންދު ނުކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން ކަރެކްޝަންސް އަށް އަންގާފައިވާނެ ކަމަށްވެސް، އެޗްއާރުސީއެމުން މައުލޫމާތުދެއެވެ.

އެހެންނަމަވެސް ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަން ލާޒިމު ކުރާ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބިލު ނޮވެންބަރު 2019 ގާ ރައީސް އިބަރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކޮށްދެއްވާފައި ވާއިރު މި ގާނޫނުގައި ބުނާ ގޮތުން 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް އަދި ކަރެކްޝަނަލް މަރުކަޒެއް ގާޒިމް ކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ.

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގޮތުގައި ދެވައްތަރެއްގެ މަރުކަޒެއް ގާނޫނުގައި ބަޔާން ކޮށްފައި ވެއެވެ. މީގެތެރެއިން އެއް ވައްތަރުގެ މަރުކަޒަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ. އަނެއް ވައްތަރުގެ މަރުކަޒަކީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެވެ. މިއީ ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަން ޖެހޭނަމަ ބަހައްޓަން ޖެހޭ މަރުކަޒެވެ.

މީގެއިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންނަށް ހާއްސަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމުކުރަން ވާނެ ކަމަށްވެސް ވަނީ ގާނޫނުގައި ބުނެފައެވެ. މިފަދަ މަރުކަޒުތަކުގައި ކުޑަކުދިން ބަހައްޓަން ޖެހޭނީ ފަހު ފިޔަވަޅެއްގެ ގޮތުގައެވެ.