އިންޑިއާގެ ހެކަރުން ކަމަށް ބުނާ ބަޔަކު ޖުވަނައިލު ކޯޓް ވެބްސައިޓް ހިސާރުކޮށްފިއެވެ.

ޖުވެނައިލްކޯޓުގެ ވެބްސައިޓް ހެކް ކުރުމަށްފަހު އެ މީހުން ވަނީ އިންޑިއާގެ ދިދައާއެކު ދިވެހި ސަރުކާރަށްދޭ އިންޒާރުގެ މެސެޖެއް އެ ވެބްސައިޓްގައި އެންމެންނަން ފެންނާނެހެން އާންމުކޮށްފައެވެ.

އެ ކޯޓުގެ ވެބްސައިޓް ހެކް ކުރި މީހުން ބުނެފައި ވަނީ އެއީ އިންޑިއާއަށް ނިސްބަތްވާ "ނެޓްވޯކް 9" ކިޔާ ހެކަރުންގެ ގްރޫޕެއް ކަމަށެވެ. އަދި ވެބްސައިޓް ހެކްކުރީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ބަޔަކު ވާހަކަ ދައްކާފައިވާތީ ކަމަށެވެ.

އެ ގްރޫޕުން ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް އަދި މަރިޔަމް ޝިއުނާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ނަން ވެސް އެ މެސެޖުގައި ފާހަގަކޮށްފައެވެ.

ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެމުން އަންނަ އެހީގެ ވާހަކަ ވެސް އެ މެސެޖުގައި ފާހަގަކޮށްފައި ވާއިރު، އިންޑިއާގެ ސަގާފަތާ ބެހޭ ގޮތުން އެއްވެސް އިހުތިރާމެއްނެތި ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ގުރޫޕުން ބުނެއެވެ.

އެ ވެބްސައިޓް ހެކް ކުރުމަކީ އިންޒާރެއް ކަމަށް ދެކުމަށް ވެބްސައިޓުގައި ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތާނގައި އެފަދަ ވާހަކަތައް ދައްކާނަމަ، އެކަން ބަލައި ނުގަންނާނެ ކަމަށް ވެސް އެ ގްރޫޕުން ވަނީ ބުނެފައެވެ.

މީގެއިތުރުން އެފަދަ ކަންކަން ކުރާނަމަ ރާއްޖޭގެ ސައިބާ ސްޕޭސްއަށް އަސަރު ކުރާނެ ފަދަ ފިޔަވަޅު އެޅުމުގެ ގާބިލުކަން ލިބިގެންވާ ކަމަށާއި ސަރުކާރުން ކަމެއް ކުރުމުގެ ކުރިން އެކަމާ މެދު ވިސްނުމަށް ވެސް އެ ގުރޫޕުން ވަނީ ގޮވާލާފައެވެ.