މީގެ ހަތަރު އަހަރާއި 6 މަސް ކުރިން މަރާލާފައި ފޮއްޓަކަށްލާފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު 13 އަހަރުގެ ކުއްޖާގެ މަރުގައި ތުހުމަތުވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ، ޖޫން 2، 2021 ދުވަހުގެ ދަންވަރު 02:00 ހާއިރު، ހުޅުމާލެ ފޭސް 2 ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލިކަމަށް ތުހުމަތު ކުރެވުނު 17 އަހަރުގެ ކުޑަކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން މި މަހުގެ 23 ވަނަ ދުވަހު ހުކުމް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ގަސްދުގައި މީހަކު މެރުމާއި، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާތައް ސާބިތުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ހުކުމުގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދުކުރުމަށް އަމުރުކޮށްފައި ވެއެވެ. ހުކުމް ކުރުމުގެ ކުރިން ބަންދުގައި އޭނާ ހޭދަކުރި 4 އަހަރާއި 6 މަހާއި 2 ދުވަސް އުނިކުރުމުން ދެން އޭނާ ތަންފީޒު ކުރަންޖެހޭ މުއްދަތަކީ 12 އަހަރާ 4 މަހާއި 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް އެ ކޯޓުން އަމުރުކޮށްފައި ވެއެވެ.
މި މައްސަލާގައި އިތުރު ބޮޑު މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުން ހުކުމެއް ކުރުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ޖުވެނައިލް ކޯޓަށް ހުށަހެޅުމަށް ވެސް ވަނީ އަންގާފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ހަމައެއާއެކު ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވެސް ވަނީ އަމުރުކޮށްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ޕީޖީ އިން ބުނެއެވެ.
މީގެ އިތުރުން އޭނާ ގޭ ބަންދަށް ބަދަލުކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައި ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
17 އަހަރު ކުއްޖާގެ އިތުރުން މި މައްސަލާގައި އުމުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާންގެ މައްޗަށް ވެސް ދައުވާ ކޮށް އަންނަނީ އޭނާގެ މައްސަލަ ބަލަމުންނެވެ. ޒިހާންގެ މައްޗަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއަކާއި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ 5 ދައުވާއަކާއި ކުޑަކުއްޖަކަށް މަސްތުވާއެއްޗެއް ދީގެން އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ކުރުމުގެ ދައުވާއަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި ކުއްޖަކު ގްރޫމް ކުރުމުގެ ދައުވާއެވެ. މީގެ އިތުރުން ހުއްދަނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާއަކާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރުމުގެ 3 ދައުވާއެއް ޒިހާންގެ މައްޗަށް ވަނީ އުފުލާފައެވެ.
13 އަހަރުގެ ކުއްޖަކު ރަހީނު ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖޫން 20، 2021 ގައެވެ. އެ ކުއްޖާ ހޯދަމުން ދަނިކޮށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ޖެހިގެން އައި ދުވަހުގެ ރޭ ދަންވަރު 2:38 ގައެވެ. ފެނުނު އިރު އެ ކުއްޖާ އޮތީ ފޮއްޓަކަށް ލާ ހުޅުމާލެ ފޭސް 2 އާ ދިމާ މޫދަށް އެއްލާލާފައެވެ. އެ ކުއްޖާ މަރާލުމުގައި ކުއްޖާއަށް ގިނަ އަނިޔާތަކެއް ދީފައި ވާއިރު ނޭވާ ހާސްކޮށްލަން ކަރުގައި އެއްޗެއް އޮޅާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
