ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށުގެ ދައުވާ ސާބިތުވާ ކަމަށް މިއަދު ޖުވެނައިލް ކޯޓުން ކަނޑައަޅައިފިއެވެ.

އުދައްޔުގެ މަރުގެ މައްސަލައިގާ 4 މީހަކަށް ދައުވާކޮށްފައިވާއިރު 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ އިތުރުން ދައުވާ ކޮށްފައިވަނީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.

ކުޑަކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީއިން މިއަދު ބުނީ އެ މައްސަލާގައި ދެން ތިބި 3 މީހުންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކަމަށެވެ. އަދި އެ ތިން މީހުންގެ ވެސް މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުހަލާ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.