އައިޖީއެމްއެޗް ކައިރިން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ނޫރު އާދަމް ހަސަންފުޅު މަރުވި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް މަރުގެ އަދަބު ނުދެވޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ނޫރު އަށް ހަމަލާ ދީފައި ވަނީ މާޗް 29، 2015 ވަނަ ރޭގެ ދަންވަރު 1:42 ހާއިރު، އޭނާ އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓް ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކާ އަރާ ހަމަވި ވަގުތުއެވެ. އެ ވަގުތު ދެ ސައިކަލެއްގައި ހަތަރު މީހަކު އެ ހިސާބަށް ގޮސް ސައިކަލުން ފައިބައި 8 އިންޗި ހުންނަ ވަރުގެ ވަޅިއަކުން ނޫރަށް ހަމަލާދީފައި ވެއެވެ. އަދި އޭނާ އަށް ލިބުނު އަނިޔާ ތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެރޭ 3:20 ހާއިރު ވަނީ މަރުވެފައެވެ.

ކުށް ކުރިއިރު ދައުވާ ލިބޭ ފަރާތަށް 18 އަހަރު ފުރިފައި ނުވާތީ އޭނާގެ މައްސަލަ ޖުވެނައިލް ކޯޓުން ބަލާފައި ވާއިރު ޖުވެނައިލް ކޯޓުން ހުކުމްކޮށްފައި ވަނީ އެ ކުއްޖާ މެރުމަށެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކުށް ސާބިތު ވިޔަސް މިހާރު އަމަލުކުރާ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މަރުގެ އަދަބު ދެވެން ނެތުމުން އޭނާއަށް ދެވޭނެ އަދަބެއް އަލުން ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް އެންގުމަށް ނިންމާފައެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ނޫރު މަރާލިކަން ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށެވެ. މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ނިޔާޒްއެވެ.

ނޫރު މަރާލި މައްސަލާގައި އިތުރު ކުޑަކުއްޖަކު ވެސް ހިމެނޭއިރު އެ ކުއްޖާގެ މައްޗަށް ހައިކޯޓުން ވަނީ މީގެ ކުރިން 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި މައްސަލައިގައި ދެން ދައުވާ ކުރާ 2 މީހުން ކަމަށްވާ ޏ. ފުވައްމުލައް، ޝައިނީ، މުހައްމަދު ސަމީހް އާއި ޏ. ފުވައްމުލައް، ނޯވެލް، މުހައްމަދު ޝަމްލު 25 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެމީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާއެވެ.

ނޫރުގެ މެޑިކަލް ލީގަލް ރެކޯޑު ދައްކާގޮތުގައި އޭނާގެ ބުރަކަށީގެ އަރިމަތިން ފެށިގެން މޭކަށިގަނޑުގެ ކުރިމަތި ފަރާތާ ހަމައަށް ގާތްގަނޑަކަށް 6 ސެންޓިމީޓަރުގެ ޒަހަމެއް ލިބިފައިވެއެވެ. އަދި މެއަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ފުއްޕާމެއަށް ލޭ އެޅި ގިނަ އަދަދެއްގެ ލޭ ބޭރުވެ ޝޮކެއް ޖެހި ހިތް ހުއްޓިފައިވާ ކަމަށް އެ ރެކޯޑުތަކުން އެނގެން އޮވެއެވެ.