ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތުގެ މަޖިލީހުގައި ގައުން ލައިގެން ތިބެންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
އެ ކޯޓުން މިއަދު ނެރުނު 'ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުސޫލުގައި' ބުނެފައި ވަނީ ދަށު ކޯޓުގެ ފަނޑިޔާރުން ވެސް ޝަރީއަތުގައި ލާން ޖެހޭނީ ގައުނު ކަމަށެވެ.
އަދި ހަމައެހެންމެ އެ ގައުނަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް އޮންނަ ގައުނަކަށް ވާންޖެހޭނެ ކަމަށާއި ގަވާއިދަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑީޖޭއޭއިން ގައުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުން އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތް ކުރާއިރު ތިބެން ޖެހެނީ ގައުން ލައިގެން ކަމަށް އެ ގަވާއިދުގައިވެ އެވެ.
އަދި ކޮންމެ ދެ އަހަރުން އެއް އަހަރު ޑީޖޭއޭއިން ފަނޑިޔާރުންނަށް ގައުން ދޭންޖެހޭނެ ކަމަށް ވެއެވެ. ފަނޑިޔާރުންގެ ތެރެއިން މިހާރު ގައުން ލާންޖެހެނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން އެކަންޏެވެ.
ދަށު ކޯޓުތަކުގެ ފަނޑިޔާރުން މިހާރު ޝަރީއަތުގެ މަޖިލީހުގައި ތިބެން ޖެހެނީ ކަޅު ނުވަތަ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނުގަ އެވެ.