އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އިރާގުގައި ކުރިއަށް ދިއަ އާންމު އިންތިހާބުގެ ނަތީޖާއާ ގުޅިގެން ބަޣުދާދުގެ ސަލާމަތީ ބާރުތަކާއި އިރާނުން ވާގިވެރިވާ އިރާގުގެ ސިޔާސީ ޕާޓީތަކުގެ ސަޕޯޓަރުންގެ މެދުގައި ހިނގަމުން ދާ ހަމަނުޖެހުންތަކުގައި އެގައުމުގެ ފުލުހުންނާއި އާންމު ރައްޔިތުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.

އެ ގައުމުގެ ފުލުހުންނާއި ސިއްހީ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިހާތަނަށް 30 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ރިޕޯޓު ކޮށްފައި ވާއިރު އަނިޔާ ލިބުނު މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މި އިންތިހާބުގައި އިރާނުން އެހީވާ ސިޔާސީ ޕާޓީތަކަށް ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ގެއްލުމާއެކު އެކަމާމެދު ހިތްހަމަނުޖެހި ނުރުހުންފާޅުކުރުމުގެ ގޮތުން އެމީހުން ފެށި މި ހަމަނުޖެހުންތަކުގައި އެ މީހުން ވަނީ އިރާގުގެ އެމްބަސީތައް ހުންނަ ގްރީން ޒޯނުގައި ވެސް މުޒާހަރާ ކޮށްފައެވެ.

އެގައުމުގެ ސަރުކާރު އޮފީސްތައް ވެސް ހުންނަ މި ގްރީން ޒޯނުގައި މުޒާހަރާތައް ފެށުމާއެކު ފުލުހުންނާއި އާންމުންނާ ދެމެދު ހަމަލާ ބަދަލުކުރުންތައް ހިނގައި މި ހަމަލާބަލަކުރުންތަކުގައި ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުން ކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނަށް އަމާޒުކޮށް ގާ ފަދަ ތަކެތި އުކާ، އެ ސަރަހައްދުގެ ހަޖެހުން އިތުރަށް ނަގާލަން މަސައްކަތް ކޮށްފައެވެ.

މުޒާހަރާތަކުގައި ބައިވެރިން ބުނަމުން ދަނީ އިންތިހާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާ، ނަތީޖާއާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ވޯޓު އޮޅުވާލުުގެ ޖަރީމާތަކެއް ވެސް ހިންގާފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތު ކޮށްފައި ވާއިރު މިހާތަނަށް އެމީހުންނަށް އެކަމާ ގުޅޭ އެއްވެސް ހެތްކެއް ދެއްކިފައެއް ނުވެއެވެ.

އިންތިހާބުގައި މެޖޯރިޓީ ލިބިފައިވާ ޖަމާއަތުން ބުނެފައި ވަނީ އިރާގަށް އެހެން ގައުމުތަކުގެ ނުފޫޒު ބޭނުން ނުވާ ކަމަށާ، ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ.