އުރުދުން އާއި ސީރިއާ ގުޅޭ ބޯޑަރުގެ ސަހަރާ ތެރޭގައި އެމެރިކާއިން ހަދާފައި ހުންނަ ސިއްރު ހެޑްކުއާޓަރު "ޓަވަރު 22" އަށް މުޖާހިދުން ދިން ހަމަލާއެއްގައި 3 މީހަކު މަރުވުމުގެ ބަދަލު ހިފުމުގެ ނަމުގައި އެމެރިކާއިން ސީރިއާ އަދި އީރާގަށް ހަމަލާ ދިނީ ހަނގުރާމަ ފުޅާކުރަން ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން މަރިއާ ޒަހަރޮވާ ވިދާޅުވީ، ހުއްޓުމެއްނެތި 85 ތަނަކަށް ހަމަލާދިނުމުގެ އެހެން ބޭނުމެއް ނުފެންނަ ކަމަށާއި އެކަމުގެ ފަހަތުގައި އޮތީ މިހާރު ހިނގަމުންދާ އިޒްރޭލް – ހަމާސް ހަނގުރާމައިގެ ތެރެއަށް ބޮޑެތި ގައުމުތަށް ވެއްދުން ކަމަށެވެ. އެއީ ބަލައިގަންނަވާނެ ކަމެއް ނޫން ކަމަށް ބުނަމުން ރަޝިއާއިން ވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.

"އެމެރިކާ އާ ހެދި މަޝްރަހުގެ ސަލާމަތާއި ރައްކާތެރިކަމަށް ބިރުވެރިކަން ކުރިމަތިވެއްޖެ، އެހެން ކަމުން ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލަން"
އދ ގައި ހުންނަވާ ރަޝިއާގެ ޑިޕްލޮމެޓް ޑިމިޓްރީ ޕޮލިޔަންސްކީ

އެހަމަލާ މެދުއިރުމަތީގެ ބައެއް ގައުމުތަކާއި ޖަމާއަތްތަކުން ކުށްވެރި ކޮށްފައި ވާ އިރު އޫރަޕިއަން ޔޫނިއަން އަށް އެމެރިކާގެ ނަންކިޔާފައި އެ ހަމަލާގެ ވާހަކަ ދައްކާކަށް ނުކެރުނެވެ. އެ ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ވިދާޅުވީ، ހާލަތު އިތުރަށް ގޯސްވެ ފުޅާވެގެން ހިނގައިދާނެ ކަންކަމުން އެންމެން ދުރުވެ ތިބެން ޖެހޭނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އިޒްރޭލް – ހަމާސް ހަނގުރާމަ އާއި، ސީރިއާ، އީރާގަށް ދިން ހަމަލާ އާއި، ލުބުނާނުގެ ބޯޑަރުގައި ހިނގާ ހަނގުރާމަ އާއި ހޫތީން ރަތްކަނޑުގެ ބޯޑުފަހަރަށް ދޭ ހަމަލާތައް އެއްކޮށްލައިގެން އެއް މައްސަލައެއްގެ ގޮތުގައި ހައްދަވާފައެވެ.

އަބަދުވެސް އެމެރިކާގެ ހިޔަނީގައި ހިނގާ އިނގިރޭސީން ބުނީ، އެމެރިކާއިން ކުރާ ކަންކަމަށް ފާޑުކިޔަން ބޭނުން ނުވާ ކަމަށާއި އެމެރިކާގެ ރައްޔިތުންނަށް އަމާޒުވެ ދިން ހަމަލާގެ ބަދަލު ހިފުމުގެ ހައްގު އެގައުމަށް އޮންނަން ވާނެ ކަމަށެވެ.

އެގައުމުގެ ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ، މީގެ ކުރިންވެސް އީރާނާއި އީރާނުން މަދަދުދޭ ޖަމާއަތްތައް އެގައުމުން އޮންނާނީ ކުށްވެރި ކޮށްފައި ކަމަށާއި މިހާރުވެސް އެހާލަތު އޮތީ އެގޮތަށް ކަމަށެވެ.

ޕޮލަންޑުގެ ހާރިޖީ ވަޒީރު ރެޑޮލްސްލޯ ސޮކޯރްސްކީ ވިދާޅުވީ، އީރާނާ ގުޅިފައި ވާ ޖަމާއަތްތަކުން އަލިފާނާ ކުޅޭތާ މަސްތަކެއް، އަހަރުތަކެއް ވެއްޖެ ކަމަށާއި މިއީ އެމީހުން އަނދައިގެން ދާން ވީ ވަގުތު ކަމަށެވެ.

މެދުއިރުމަތިން، އީރާގު، ސީރިއާ، އީރާން، އިސްލާމިކް ރެސިސްޓޭންސް އިން އީރާން، ހަމާސް އަދި ހިޒުބުއްލޯ ފަދަ ފަރާތްތަކުން މި ހަމަލާ ކުށްވެރި ކޮށްފައި ވާ އިރު ބުނެފައި ވަނީ، މިއީ އީރާގައި ސީރިއާގެ އިސްތިގުލާލައި މިނިވަންކަމަށް އަރައިގަތުން ކަމަށާއި ހަމަލާގެ ނަތީޖާއަކަށް ވާނީ ނުތަނަވަސްކަން އިތުރަށް ފުޅާވެގެން ދިޔުން ކަމަށެވެ.

މިހަމަލާތަކާ ގުޅިގެން އެމެރިކާއިން ބުނެފައި ވަނީ އެމެރިކާގެ ކޮންމެ ރައްޔިތެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެގައުމުގެ ޒިންމާއެއް ކަމަށާއި އެގައުމުގެ ރައްޔިތަކަށް ލިބޭ ގެއްލުމުގެ ބަދަލު އެމީހުން ހިތަށް އެރި ގޮތަކަށް ހިތަށް އެރި ވަގުތަކު ހިތަށް އެރި މިންވަރަކަށް ދޭނެ ކަމަށެވެ. އަދި މި ދިން ހަމަލާތަކުން ނިންމާ ނުލައިނެ ކަމަށާއި އަދިވެސް ހަމަލާ ދޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.