އުރުދުން-ސީރިއާ ބޯޑަރު ކައިރީގައި އޮންނަ ރިމޯޓް ލޮޖިސްޓިކް އައުޓްޕޯސްޓެއް ކަމަށްވާ ޓަވަރު 22 އަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރުވެ 34 މީހުން ޒަހަމްވެފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

މި ހަމަލާއަށް ވޮޝިންޓަނުން ވަރުގަދަ ރައްދެއް ދީފައިވާއިރު، ހަމަލާ ދިން މީހުން ޖަވާބުދާރީ ކުރުވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިންނެވެ. އަދި އެއީ ގާޒާގައި އިޒްރޭލުން ހިންގާ އަމަލުތަކަށް އެމެރިކާއިން ތާއީދުކުރާއިރު، 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ބުނެ ދިން ރައްދެއް ކަމަށް އެ މީހުން ބުނެއެވެ.

ޑްރޯން ހަމަލާ އާއި ހަމަލާ ދިން ސަރަހައްދާ ބެހޭ ގޮތުން އަހަރެމެންނަށް އެނގޭ ކަންކަން:

ޓަވަރު 22 އަކީ ކޮބާ؟ އެއީ ކޮންތާކު ހުންނަ ޓަވަރެއް؟

އެމެރިކާގެ ކުޑަ ލޮޖިސްޓިކް އައުޓްޕޯސްޓެއް ހުންނަ ޓަވަރު 22 ހުންނަނީ އުރުދުންގެ އިރުއުތުރުގައި އިރާގާއި ސީރިއާގެ ބޯޑަރު ކައިރީގައެވެ.

އައުޓްޕޯސްޓްއާ ބެހޭ ގޮތުން އާންމުންގެ މައުލޫމާތު މަދު ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޓަވަރު 22 އަކީ ސީރިއާގެ ބޯޑަރު ހުރަސްކޮށް އޮންނަ އެމެރިކާގެ ކައިރީގައި އޮންނަ އަލް-ޓަންފްގެ ސަޕްލައި ހަބެއް ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާއާއި ވައިގެ ސިފައިންގެ 350 ސިފައިން ވެސް އެތަނުގައި އެބަތިއްބެވެ. އައުޓްޕޯސްޓުގައި ބަހައްޓަނީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް އަދި އެއާ ޑިފެންސުން ބޭނުންކުރާ ބާވަތެއް ނޭނގެއެވެ.

2011 ވަނަ އަހަރު ސީރިޔާގެ ހަނގުރާމަ ފެށުނީއްސުރެ ސީރިޔާއާއި އިރާގުން ހަތިޔާރު އެޅި ހަނގުރާމަވެރިން އެތެރެވުން ހުއްޓުވުމަށް ބޯޑަރު ސެކިއުރިޓީ ޕްރޮގްރާމްގެ ނަމުގައި ފުޅާ ސަވައިލަންސް ސިސްޓަމެއް ގާއިމުކުރުމަށް އައްމާނަށް އެހީވުމަށް ވޮޝިންޓަނުން ވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދުކޮށްފައެވެ.

ބަޣުދާދު-ދިމިޝްގު ހައިވޭގައި ހުންނަ އަލް ޓަންފް އަކީ އައިސިސް (އައިއެސްއައިއެލް) ގެ ހަތިޔާރު އެޅި ޖަމާއަތާ ދެކޮޅަށް ކުރި ހަނގުރާމައިގައި މުހިންމު ދައުރެއް އަދާކުރި ބައެކެވެ. އަދި ސީރިއާގެ އިރުމަތީ ސަރަހައްދުގައި އީރާނުގެ އަސްކަރިއްޔާ ގެނައުމާ ދެކޮޅަށް އެމެރިކާއިން އެކުލަވާލި ސްޓްރެޓެޖީގެ ދަށުން ވެސް އެމީހުން ވަނީ މަސައްކަތްކޮށްފައެވެ.

ސީރިއާގެ ދެކުނުގައި ހުންނަ އަލް-ޓަންފް މިލިޓަރީ އައުޓްޕޯސްޓް

މިވަގުތު އިރާގުގައި އެމެރިކާގެ 2500 އެއްހާ ސިފައިން ތިބިއިރު، ސީރިޔާގެ އިރުއުތުރުގައި 900 ސިފައިން ހަރަކާތްތެރިވެއެވެ.

އުރުދުންއަކީ އެމެރިކާއާ އެކު ސަލާމަތީ ގޮތުން ގާތް އެއްބަސްވުމެއް އޮންނަ ގައުމަކަށް ވާއިރު، އުރުދުން އަކީ އެމެރިކާގެ ސިފައިންނާއެކު ފުޅާ ދާއިރާއެއްގައި ތަމްރީނުތައް ބާއްވަމުން އަންނަ ސަރަހައްދީ މަދު ބައިވެރިންގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އުރުދުންގެ އަސްކަރިއްޔާއަކީ އެމެރިކާއިން ބޭރުގެ އަސްކަރީ ފައިނޭންސް އެންމެ ގިނައިން ހޯދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އުރުދުންއަށް ދިން ޑްރޯން ހަމަލާއާ ބެހޭ ގޮތުން އެނގޭނީ ކޮން ކަމެއް؟

ރޭގަނޑު ދިން ޑްރޯން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ތިން މީހަކު މަރާލުމަކީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ އަނިޔާވެރި އަސްކަރީ ކެމްޕެއިނަށް ފަހު، ސަރަހައްދީ ހަތިޔާރު އެޅި ޖަމާއަތްތަކުން ރައްދު ދިން ފުރަތަމަ ފަހަރެވެ.

ޓަވަރު 22 ގެ ލިވިން ކުއާޓާތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާގައި 34 ސިފައިން ވަނީ ޒަހަމްވެފައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ޒަހަމްވި ސިފައިންގެ ތެރެއިން އަށް ސިފައިންނަށް ފަރުވާ ދިނުމަށް އުރުދުންއިން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

މި ޑްރޯން ދެނެގަތުމުގައި އައުޓްޕޯސްޓްގެ އެއާ ޑިފެންސް ފެއިލްވީ ކީއްވެތޯ ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.

މި ހަމަލާގައި މަރުވި ސިފައިންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

ބައިޑަންގެ ސަރުކާރުން އަމަލުކުރީ ކިހިނެތް؟

ރައީސް ބައިޑަން ވިދާޅުވީ ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރައްވާނެ ކަމަށެވެ.

ބައިޑަން ވިދާޅުވީ މި ހަމަލާގެ ހަގީގަތްތައް އަދިވެސް އެއްކުރަމުން އަންނައިރު، އެއީ ސީރިޔާއާއި އިރާގުގައި ހަރަކާތްތެރިވާ ހަރުކަށި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކުން ދިން ހަމަލާއެއްކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާގެ ފަހަތުގައި ވަނީ އީރާނުން ކަމަށް އީރާނުން ވަނީ ދެކޮޅުހަދާފައެވެ. އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ އިރްނާއިން ހޯމަ ދުވަހު ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ބޭސްއަށް ދިން ހަމަލާއާ އީރާނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"މި ސަރަހައްދުގައި އެމެރިކާ ސިފައިންނާއި ރެސިސްޓެންސް ގްރޫޕްތަކާ ދެމެދު ހަމަނުޖެހުންތަކެއް ހިނގަމުންދާ އިރު، އޭގެ ބަދަލުގައި ރައްދުގެ ހަމަލާތައް ދޭ."

އެ ހަމަލާއާ ގުޅިގެން އެހެން ފަރާތްތަކުން އަމަލުކުރީ ކިހިނެތް؟

އުރުދުންއިން ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް އެގައުމުގެ ބޯޑަރު ހިމާޔަތްކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އެގައުމުގެ ބައިވެރިޔާ ވޮޝިންޓަނާ އެކު އެއްބާރުލުން ދޭނެ ކަމަށް އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.

ޓްރަމްޕް ވިދާޅުވީ މި ހަމަލާއިން ބައިޑަން ސަރުކާރުގެ ބަލިކަށިކަން ހާމަވާކަމަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މި ހަމަލާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ބައިޑަންގެ ސަރުކާރު ކުށްވެރި ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް ދިން މި ނުރައްކާތެރި ހަމަލާއަކީ ޖޯ ބައިޑަންގެ ބަލިކަށިކަން ހާމަވާ ކަމެއް ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން އާއި ރިޕަބްލިކަން ސެނެޓްގެ ލީޑަރު މިޗް މެކްކޮނެލްގެ އިތުރުން ސެނެޓަރު ރޮޖާ ވިކް ވެސް ވަނީ މި ހަމަލާގެ ތުހުމަތު އިރާނަށް ކޮށްފައެވެ.

ޑިމޮކްރެޓިކް ލީޑަރުން ކަމަށްވާ ޗަކް ޝޫމަރ، ޖެކީ ރޮޒޭން އަދި ހަކީމް ޖެފްރީޒް ވެސް ވަނީ ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ތާއީދުކުރައްވާފައެވެ.

އިޒްރޭލުގެ ހާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވީ، އިޒްރޭލުގެ އަސާސްތަކާއި، އެއް ދުޝްމަނަކާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެއްބައިވަންތަކަމާއެކު ދެމިތިބޭނެ ކަމަށެވެ. "މަރުވި މީހުންގެ ގުރުބާނީ އަބަދުވެސް ހަނދާން ހުންނާނެ. ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން."

މިސްރުގެ ހާރިޖީ ވުޒާރާއިން ވެސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުރުދުންގެ ހާޝިމީ ރަސްގެފާނުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާފަދަ ޓެރަރިޒަމްގެ އެއްވެސް އަމަލެއް އެ ގައުމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، މި ނާޒުކު ހާލަތުގައި އުރުދުންއާ އެކު ފުރިހަމަ އަށް އެއްބައިވަންތަކަން ފާޅުކުރާ ކަމަށެވެ.

މި ސަރަހައްދުގައި އެމެރިކާގެ މަސްލަހަތަށް އިތުރު ހަމަލާތަކެއް ދީފައިވޭތަ؟

ދާދި ފަހުން ދިން މި ހަމަލާ ދީފައިމިވަނީ ގާޒާގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވެ، ނުތަނަވަސްކަން އިތުރުވެ، ސަރަހައްދުގައި ހަމަނުޖެހުން ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާއަށް ފަހު އިޒްރޭލުން ގާޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު އީރާނަށް ތާއީދުކުރާ ލަޝްކަރުތަކުން އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް 170 އަށް ވުރެ ގިނަ ހަމަލާ ދީފައިވެއެވެ.

ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އިރާގުގެ އައިން އަލް އަސަދު އެއާބޭސްއަށް ހަމަލާދިން ކަމަށެވެ.

އިރާގާއި ސީރިއާގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް ދިން ގިނަ ހަމަލާތަކުގެ ޒިންމާ އިރާގުގެ އިސްލާމިކް ރެސިސްޓަންސް އިން ވަނީ އުފުލާފައެވެ.

އެ ޖަމާއަތުން އާދީއްތަ ދުވަހު ބުނީ އެ ޖަމާއަތުން ހަމަލާތައް ދެމުން ގެންދަނީ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ޒަޔަނިސްޓް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. ގާޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން ދެކުނު އެފްރިކާއިން ވަނީ ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްއަށް އިޒްރޭލުގެ މައްސަލަ ހުށަހަޅާފައެވެ.

އެ ޖަމާއަތުން އިއްޔެ ވަނީ އިޒްރޭލަށް ޑްރޯން ހަމަލާއެއް ދީފައެވެ.

ލުބުނާނުގެ ޖަމާއަތެއް ކަމަށްވާ ހިޒްބުالله އިން އިޒްރޭލާއެކު ބޯޑަރު ހުރަސްކޮށް ނުރައްކާތެރި ބަޑީގެ ހަމަލާތައް ބަދަލުކުރަމުން އަންނައިރު، ޔަމަނުގެ ހޫތީން ވަނީ އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދީފައެވެ. މިދިޔަ ހޯމަ ދުވަހު ހޫތީން ބުނެފައި ވަނީ މީގެ އެއް ދުވަސް ކުރިން ގަލްފް އޮފް އެޑަން ސަރަހައްދުން ދަތުރުކުރި އެމެރިކާގެ ހަނގުރާމަމަތީ އުޅަނދު ލުވިސް ބީ ޕުލާއަށް ރޮކެޓެއް ފޮނުވާލާފައިވާ ކަމަށެވެ. އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ބިޒީ އެއް ޝިޕިން ރޫޓަށް ވަނީ ބުރޫ އަރާފައެވެ.

ގާޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭކަމަށް ބުނެ އެ ޖަމާއަތްތަކުން ވަނީ ވޮޝިންޓަނަށް ހަމަލާތައް އަމާޒުކޮށްފައެވެ.

ތެހެރާނުން ރިޕޯޓް ކުރަމުން އަލްޖަޒީރާގެ ރެސުލް ސެރްދާރު ވިދާޅުވީ ސަރަހައްދީ ހަމަނުޖެހުންތަކެއް ހިންގަން އީރާނުން ބޭނުން ނުވާ ކަމަށެވެ.

"އިޒްރޭލާ އެކު ސީދާ އަސްކަރީ ހަމަނުޖެހުންތަކުގައި ބައިވެރިވުމަކީ ވެސް އެމެރިކާއާ ހަނގުރާމައެއް ހިނގައިދާނެ ކަމެއް ކަން އީރާނުގެ އޮފިޝަލުންނަށް ވިސްނޭ. އެއީ އީރާނަށް ވަރަށް ބޮޑަށް ގެއްލުންވެދާނެ ކަމެއް." އޭނާ ވިދާޅުވިއެވެ.

މި ސަރަހައްދުގައި ހަނގުރާމައެއް ނުކުރާ ކަމަށް ވޮޝިންޓަނުން ރަސްމީ ސްޓޭންޑް ދަމަހައްޓަމުން އަންނައިރު، އިރާގާއި ސީރިޔާގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކާ ދެކޮޅަށް ރައްދު ދީ، ޔަމަނުގެ ހޫތީންގެ އަސްކަރީ ގާބިލުކަމާ ދެކޮޅަށް އަންނަނީ ހަމަލާތައް ދެމުންނެވެ.

ސޫފާން ގްރޫޕްގެ ސީނިއާ ރިސާޗް ފެލޯ ކޮލިން ކްލާކް ވިދާޅުވީ މި ހަމަލާތަކުން ދޭހަވަނީ ސަރަހައްދީ ހަނގުރާމައެއް އޮތް ކަން ކަމަށެވެ.

"އެކަމާ ދެކޮޅެއް ނުހެދޭނެ. އެމެރިކާ ސިފައިން މަރާލާފައިވާއިރު، އެމެރިކާއިން ހަރުކަށި ރައްދެއް ދޭނެ. އެއީ އީރާނުގައި ވިޔަސް، ނުވަތަ އެ މީހުން ހަރަކާތްތެރިވާ އެކި ގައުމުތަކުގައި ތިބި އީރާނުގެ ޕްރޮކްސީތަކާ ދެކޮޅަށް ވިޔަސް." އޭނާ ވިދާޅުވިއެވެ.