އުރުދުން އާއި ސީރިއާ ގުޅޭ ސަހަރާ ތެރޭގައި އެމެރިކާއިން ހަދާފައިވާ ސިއްރު މަރުކަރު "ޓަވަރު 22" އަށް މުޖާހިދުންގެ ބަޔަކު ހަމަލާދީ 3 މީހުން މަރާލުމުގެ ބަދަލުގައި އީރާގަށް ހަމަލާ ދިނީ ކުރިން އެންގުމަކާ ނުލައި ކަމަށް އެމެރިކާއިން އެއްބަސް ވެއްޖެއެވެ.

އެ ހަމަލާގައި އީރާގުން 16 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި އިރު އީރާގާއި ސީރިއާ ހިމެނޭހެން ޖުމްލަ 85 ތަނަކަށް އެމެރިކާއިން ވަނީ ހަމަލާ ދީފައެވެ. ސީރިއާ އަށް ދިން ހަމަލާގައި 18 މީހަކު މަރުވި ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަމަލާ އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފާޑުކިޔުން އެމެރިކާ އަށް އަމާޒުވި ވަގުތު ވައިޓް ހައުސް އިން ކުރިން ބުނީ، އީރާގަށް ހަމަލާ ދިނީ ދުރާލައި އެގައުމުގެ ވެރިންނަށް އެކަން އެންގުމަށް ފަހު ކަމަށެވެ. ނަމަވެސް އެމެރިކާގެ ވާހަކަތައް ދޮގުކުރައްވައި އީރާގުގެ ބޮޑުވަޒީރު ވާހަކަ ދެއްކެވުމުން މިހާރު އެމެރިކާއިން ވަނީ ދުރާލައި އަންގާފައި ނުވާ ކަމަށް އެއްބަސްވެފައެވެ.

މި މައްސަލައިގައި މައާފަށް އެދި ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީ ވިދާޅުވީ، ކުރިން ވައިޓް ހައުސްގެ އޮފިޝަލް ދެއްކި ވާހަކައަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށާއި، އެ ސަރަހައްދުގައި އެމެރިކާގެ ރައްޔިތުންނަށް އަމާޒުވާ ހަމަލާގެ ބަދަލު ހިފަން އީރާގަށް ވިޔަސް އަދި އެހެން ތަނަކަށް ވިޔަސް ހަމަލާ ދޭނެ ކަން އީރާގަށް ވެސް އެނގޭނެ ކަމަށެވެ.

އަދި ކުރިން އަންގާފައި ނުވި ނަމަވެސް ހަމަލާ ދިނުމާއެކު އީރާގުގެ ސަރުކާރުގެ އޮފިޝަލުން އެކަން އެންގި ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާގާއި ސީރިއާ ހިމެނޭހެން 85 ތަނަކަށް އެމެރިކާއިން ހަމަލާ ދިނީ، ސީދާ އެގައުމުގެ ރައީސް ޖޯ ބައިޑަންގެ އޯޑަރަށެވެ. އަމާޒަކީ އީރާނުގެ ރިވޮލިޝަނަރީ ގާޑުންނާއި އެ ޖަމާއަރާ ގުޅިފައިވާ ނުވަތަ މަދަދު ދޭ އެހެން ކުދި ކުދި ޖަމާއަތްތަކުގެ މަގާމުތައް ކަމަށް އެމެެރިކާއިން ބުނެއެވެ.

އެެމެރިކާ އަކީ އީރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް ގުޅިގެން ބޮން އަޅާ ސުންނާފަތި ކޮށްލުމަށް ފަހު އެގައުމުގެ އޭރުގެ ރައީސަކަށް ހުންނެވި ސައްދާން ހުސައިން ހިފާ ހައްޔަރު ކޮށް ދަންޖައްސާ އަވަހާރަ ކޮށްލި ގަައުމެވެ. އެއަށް ފަހު މިއަދާ ޖެހެންދެންވެސް އީރާގުގައި އެމެރިކާ ސިފައިން ގާއިމުވެ ތިބި އިރު މިހާރުވެސް 2500 ސިފައިން އެބަ ތިއްބެއެވެ. އަދި އީރާގުގެ އެކި ސަރަހައްދުތަކުގައި އަސްކަރީ ބޭސް ނުވަތަ މަރުކަޒުތައް ހަދާފައި ވެއެވެ. އީރާގުގެ އިތުރުން ސީރިއާ، އުރުދުން، ގަތަރުގައި ވެސް އެމެރިކާގެ މަރުކަޒުތައް އެބަހުއްޓެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ދުނިޔޭގެ އެތަަން މިތާނގައި އެމެރިކާގެ 800 މަރުކަރު [އަސްކަރީ ބޭސް] ވަނީ ގާއިމު ކޮށްފައެވެ. މިއިން ކޮންމެ ތަނަކީ އެންމެ ޒަމާނީ ހަތިޔާރާއި ސިފައިންނާއެކު ފުރިހަމަ އަށް ތައްޔާރު ކޮށް ކޮންމެ ފަދަ ހާލަތަކަށް ވެސް 'ރެޑީ ޓް އެޓޭކް' ފޯސް އެއް އޮތް ތަނެކެވެ.