ބަޑި ހިފައިގެން ނޫނަސް މިއަދު މިވަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިފަދައިން ބުނީ ނަސްރުގެ ދުވަހާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައެވެ. އިދިކޮޅުން ބުނީ މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރާ ގައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫންނަމަވެސް، މިއަދު މިވަނީ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުން ވާނެ އެތައް ކަމަކާއި ކުރިމަތިލާންޖެހިފާ ކަމަށެވެ.

"އިދިކޮޅުން ވަނީ ރާއްޖޭގެ ހަރު މުދާ ވިއްކާ އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުނަތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ގެއްލުންތައް ދަނީ ކުރިމަތިވަމުން"
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

އިދިކޮޅުން ބުނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓާ ދަމަހައްޓާ އަންނަން އޮތް ޖީލާ ހަމައަށް ގައުމު ވާސިލުކޮށްދިނުމަށް 3 ނޮވެންބަރުގައި ގުރުބާންވި ހުސައިން އާދަމް ފަދަ އެދުވަހު ގައުމީ ރޫހުގައި ނުކުތް ދިވެހި ސިފައިން ފަދަ ގައުމީ ލޭ ހިނގާ ދިވެހި ދަރީން ތަކަކަށް ގައުމު ވަނީ ބޭނުންވެފައި ކަމަށެވެ. އަދި ވިސްނާ ފިކުރުކޮށް ގައުމު އަނބުރާ ހޯދުމަށް ނުކުމެ، އަންނަން އޮތް ޖީލަށް މިގައުމު މިގައުމުގެ ގޮތުގައި ވާސިލުކޮށްދިނުމަށް އަތުކުރި އޮޅާލަން އިދިކޮޅުން ވަނީ ގޮވައިލާފައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެ ކޯލިޝަނާއި ރައީސް ޔާމީނުގެ ނަމުގައި އެދުވަހު ގައުމު ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ގައުމީ އެންމެހާ ބަތޮލުންނަށް ޝުކުރު އަދާކޮށް އެދުވަހު ދިވެހި ރައްޔިތުންނާއި ސިފައިންގެ ތެރެއިން ޝަހީދުވި އަބްތޯލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާ ކޮށްފައެވެ.