ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަކީ މުހިއްމު ކަމެކެވެ. ފައިދާހުރި ކާނާ ކެއުމާ އެއްވަރަށް ކަސްރަތު ކުރުމަކީ ވެސް މުހިއްމު ކަމެކެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ކަސްރަތު ކުރަން ޖެހޭނީ ހަމައެކަނި ބައެއް ބަލިތައް ތަހައްމަލު ކުރާ މީހުންނެވެ. ނުވަތަ ބަރުދަން ލުއިކުރުމަށް ބޭނުންވާ މީހުންނެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ކުށްހީއެކެވެ. ކަސްރަތު ކުރުމަކީ ކޮންމެ އިންސާނަކު ވެސް ކުުރުން ވަރަށް މުހިއްމު ކަމެކެވެ. އެއީ އޭގެ ސަބަބުން ސިއްހަތާއި ދިރިއުޅުމަށް އެތައް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ.
ދުޅަހެޔޮ ސިކުނޑިއަކަށް
އިންސާނާގެ ހަށިގަނޑުގައިވާ ކަންކަން ބަލައްހައްޓާ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ގުނަވަނަކީ ސިކުނޑިއެވެ. ކަސްރަތު ކުރުމުގެ ސަބަބުން އެންމެ ބޮޑު ފައިދާއެއް ކުރަނީ ސިކުނޑީގައި ހަނދާން ރައްކާކޮށްދޭ ބަޔަށެވެ. އެގޮތުން އިންސާނާގެ ހަނދާން ބަލިކަށިވުމުން ރައްކާތެރި ކޮށްދެއެވެ. އަދި ވިސްނުން ތަރައްގީކޮށް ސިކުނޑީގެ ހިނގުން ހަރުދަނާ ކުރުމަށް އެހީވެއެވެ. އަދި ސްރޯކް ޖެހުމުގެ ފުރުސަތު ވެސް ކުޑަކޮށްދެއެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލު ކޮށް ހިތުގެ ބަލިތަކުން ވެސް ރައްކާތެރި ކޮށްދޭ
ގަވާއިދުން ކަސްރަތު ކުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާނަމަ ޕްރެޝަރު ކޮންޓްރޯލު ކޮށްދޭކަމަށް ދިރާސާތަކުން ވަނީ ހާމަވެފައެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ޕްރެޝަރު ކޮންޓްރޯލު ކުރުމާއެކު ހިތުގެ ބަލިތައް ޖެހުމުން ވެސް ދުރުކޮށްދެއެވެ. ހާއްސަކޮށް ސަރުބީ ގިނަވުމުގެ ސަބަބުން ހިތަށް ޖެހެ ބަލިތަކުން ރައްކާތެރި ކޮށްދެއެވެ. އެއީ ކަސްރަތުގެ ސަބަބުން އެ ސަރުބީތައް ވިރުވާލަދޭތީއެވެ.
ނިދަން ފަސޭހަވުން
އެންމެ ގިނަ ބަޔަކު މިހާރު ދައްކާ އެއް ވާހަކައަކީ މަސައްކަތުގެ މާހައުލު ބުރަވެގެން ގޮސް ހަމަ ނިދި ނުލިބޭ ވާހަކައެވެ. ހަމަ ނިދި ނުލިބުމުގެ ސަބަބުން ސިއްހީ ބަލިތަކާ ކުރިމަތިވާ ވާހަކައެވެ. ސައިންސްވެރިންނާ ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މިކަމަށް ވެސް އޮތް އެންމެ ބޮޑު ފަރުވާއަކީ ކަސްރަތު ކުރުމެވެ. ކަސްރަތުގެ ހަރަކާތްތަކުގެ ސަބަބުން ހަށިގަނޑަށް އަރާމުގެނުވައެވެ. އަދި އޭގެ ސަބަބުން ނިދަން ފަސޭހަވެގެންދެއެވެ.
މީގެ އިތުރުން ވެސް ތަފާތު ބާވަތްތަކުގެ ކަސްރަތު އެގޮތުން މޫދު ކަސްރަތު ފަދަ ކަސްރަތުތައް ކުރާނަމަ ކަށިތައް ވަރުގަދަވުމާ މަސްގަނޑަށް އަރާ އެކިކަހަލަ ތަދުތައް ފިލުވާލުމަށް އެހީވެދެއެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ މުހިއްމު ކަމަށް ވާއިރު މިކަން ކުރުމަށް ކޮންމެ ދުވަހަކުވެސް ވަކި ގަޑިއެއް ކަނޑައަޅާ އެކަމަށް ހަށިގަނޑު އާދަކުރެވިދާނެއެވެ.