ހުޅުމާލޭގައި އަލަށް ހެދި މިސްކިތެއް ކަމަށްވާ "މަސްޖިދު މުހައްމަދު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުޅުއްވައި ދެއްވައިފިއެވެ.

އެމަނިކުފާނު މި މިސްކިތް ހުޅުއްވައި ދެއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި އިމާރާތް ކޮށްފައިވާ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ހާއްސަކޮށް، ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މި މިސްކިތް އިމާރާތް ކުރަން ފެށީ ޖުލައި 18، 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.

ރައީސް މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު، މި މިސްކިތުގައި މިއަދުގެ އަސުރު ނަމާދު ވަނީ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.