ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ނުލިބުނު ކަމުގައި ވީ ނަމަވެސް ގައުމީ ޓީމަށް ތައުރީފު ހައްގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ މުބާރާތުން ކެޓީ ރޭ އިންޑިއާއާ ކުޅޭ 1-3 އިން ބަލިވުމުންނެވެ.
މިކަމާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމުން ދެއްކި ކުޅުމާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި ފައިނަލް މެޗާ ހަމައަށް ނުދިޔަ ކަމުގައި ވީ ނަމަވެސް ދަނޑުންނާއި ދަނޑުން ބޭރުން ޓީމުން ދެއްކި ހިތްވަރަށް ތައުރީފު ހައްގުވާ ކަމަށެވެ.
ރައީސް ވަނީ މުސްތަގުބަލުގައި ގައުމީ ޓީމު މިއަށް ވުރެ ފުރިހަމަ ކުޅުމެއް ދައްކާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސް ސޯލިހު މީގެ ކުރިން ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބު ކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ އަދަދު ބޮޑުކޮށްފައި ވާކަމަށް ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދެއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރޭ ގަލޮޅު ދަނޑުގައި ދިވެހި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ އިންޑިއާއައި ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ އިންޑިއާއިންނެވެ. މެޗުގެ 33 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ޖަހާ ދިނީ މަންވީރު ސިންގެވެ.
އެއަށް ފަހު ސްކޯ އެއްވަރު ކުރާނެ ފުރުސަތުތައް ރާއްޖެއަށް ލިބުނު އިރު މެޗުގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު ވަނީ ރާއްޖެއަށް ލަނޑެއް ޖަހާ ސްކޯ 1-1 އަކަށް ބަދަލު ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފްގައި އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވަނީ ކައިރި ކައިރީގައި ދެލަނޑު ޖަހާ މެޗުގެ ސްކޯ 1-3 އަކަށް ހަދާފައެވެ.
އޭގެ ފަހުން ރާއްޖޭގެ ޓީމަށް ވަނީ މެޗުގެ ސްކޯ ބަދަލުކޮށްލާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެން ނަމަވެސް 1-3 ގެ ތަފާތުން މެޗު ނިމިގެން ދިޔަ އިރު މުބާރާތް ބާއްވާ ގައުމު ރާއްޖެ ވަނީ ފައިނަލަށް ނުގޮސް ކަޓާފައެވެ.
މުބާރާތުގެ ފައިނަލްގައި އިންޑިއާ ވާދަކުރާނީ ނޭޕާލް އާއެވެ. މިމެޗު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.