ބްރިޖް ވިއުއިން ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް އިތުރު ދެ ދައުވާއެއް ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މުއިއްޒުގެ އިތުރުން އެ މައްސަލާގައި އޭސީސީން ވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަބީބުގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އެގޮތުން، މުއިއްޒުގެ މައްޗަށް ދައުވާކުރުމަށް އެދި ފޮނުވާފައި ވަނީ، ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު)ގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދަޢުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކުރުމުގެ ދައުވާއެވެ. އަދި ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ.

އައަހްމަދު ހަބީބުގެ މައްޗަށް ދަޢުވާކުރުމަށް އެދި ފޮނުވާފައި ވަނީ ވެސް ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ ތަހުގީގުން ފާހަގަ ކުރެވުނު ކަންތައް ތަކަށް ބަލާއިރު، ބްރިޖް ވިއުއިން ޕްލެޓްފޯމަކާ ފުޑް އައުޓްލެޓް އޭރިޔާ އަދި ޕާކިން އޭރިޔާއެއް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު 3 އަހަރު ދުވަހުގެ އެއްބަސްވުމެއް ސެޕްޓެންބަރު 22، 2016 ގައިވެފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އެ އެއްބަސްވުމުގައިވާ "ޕާކިން އޭރިއާ" ގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އަށް އެދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ "ޕާކިންގ އޭރިއާ" ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ އެ މިނިސްޓްރީން ދީފައިވެއެވެ. އަދި އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަޙައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަޙައްދެއް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އިތުރަށްލިބި، އިތުރު ފައިދާ އެ ކުންފުންޏަށް ލިބިފައިވެއެވެ. އެހެންނަމަވެސް، އެހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ޚިލާފުކަމެއްކަމާއި، އަދި މިކަމުގައި އެ މިނިސްޓްރީން ޤާނޫނީ ލަފާ ހޯދާފައިނުވާކަން އެނގެއެވެ.
އޭސީސީ

އޭސީސީން ބުނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެ ބިމަށް ބައެއް ބަދަލުތައް ގެނެސް، އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާ، ބިން ކުއްޔަށް ދޫކޮށްފައި ވާ 3 އަހަރުގެ މުއްދަތު އިތުރު 5 އަހަރަށް އިތުރުކުރުމަށާ، މުއްދަތު އިތުރުކޮށްދިނުމުގެ ބަދަލެއްގެ ގޮތުގައި ސަރުކާރަށް ސީއެސްއާރުގެ ގޮތުގައި 2 މިލިއަން ދިނުމަށާ، ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީކޮށް ސަރުކާރާ ހަވާލުކޮށްދޭން ހުށަހަޅާފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ.

އެ ހުށަހެޅުމާގުޅިގެން، އެ ކުންފުނިން އެދިފައިވާގޮތަށް އޭޕްރީލް 13، 2017 ގައި އެއްބަސްވުމަށް ފުރަތަމަ އިސްލާހު ގެނެސްފައިވާއިރު، އެ ބަދަލު ގެނެސްފައިވަނީ މިފަދަ އެއްބަސްވުންތަކާ ގުޅިގެން ައމަލުކުރާ އާންމު އުސޫލާ އެއްގޮތަށް ގާނޫނީ ލަފާ ނުހޯދައިކަން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

މި ޕްރޮޖެކްޓަކީ ކުރު މުއްދަތަކަށް ކަނޑައެޅިފައިވާ ޕްރޮޖެކްޓެއްކަން ޕްރޮޖެކްޓް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނުން އެނގޭއިރު، އިތުރު 05 އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަކީ އެ މަގްސަދާ ހިލާފަށް ކޮށްފައިވާ ކަމެކެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސީ.އެސް.އާރްގެ ގޮތުގައި ސަރުކާރަށް ދައްކަން ކަނޑައެޅި ފައިސާ ދައްކާފައިނުވެއެވެ.
އޭސީސީ

އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ދަޢުލަތަށް ދައްކަންޖެހޭ ކުލީގެ ފައިސާ ދައްކާފައި ނުވާކަމާ، އެގޮތުން، ނޮވެންބަރު 1، 2017 އިން ފެށިގެން 2018 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް ދައުލަތަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 1,976,548.00ރުފިޔާ ދައްކާފައިނުވާއިރު، އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއަށް އެ އެއްބަސްވުން ބާތިލްކުރުމުގެ އިހްތިޔާރު ލިބިދީފައިއޮވެމެ، އެ އިހްތިޔާރުގެ ބޭނުން ކޮށްފައިނުވާ ކަމަށް އޭސީސީން ބުނެއެވެ. އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް މަންފާވާގޮތަށް އެއްބަސްވުމަށް އެކި ފަހަރު މަތިން ބަދަލުގެނެސް އިސްލާހުތައް ގެނެސްފައިވާތީ އެކަމުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ މަސްހަލަތު އިސްކޮށްފައިވާކަން އެނގޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.

ހައުސިންގ މިނިސްޓްރީގެ ބޭނުމަށް ޗާޓައިމް ނެގުމަށް ނިންމާ އެކަން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އެންގުމުން، އެކުންފުނިން އެކަމަށް އިޢުތިރާޒުކޮށްފައި ނުވާކަމާ، ޗާޓައިމް ނަގާފައިވަނީ އެ ކުންފުނީގެ ރުހުމާއި އެއްބާރުލުމުގައިކަން ލިޔުންތަކުން އެނގެއެވެ. އަދި ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ކަންކަން ހިމަނައި އެއްބަސްވުމަށް 02 ވަނަ އިސްލާހު ގެނައުމުން ޗާޓައިމްގެ ބަދަލުދިނުމުގެ މުޢާމަލާތަކީ ނިމިފައިވާ މުޢާމަލާތެއްކަން ފާހަގަކުރެވެއެވެ.
އޭސީސީ

އޭސީސީން ބުނީ ހައުސިން މިނިސްޓްރީގެ ބޭނުމަށް ޗާޓައިމް ނެގުމަށް ނިންމާ އެކަން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް އެންގުމުން، އެކުންފުނިން އެކަމަށް އިޢުތިރާޒުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް، އެއްބަސްވުމުގެ މުއްދަތު 25 އަހަރަށް އިތުރުކުރުމަށް ހައުސިން މިނިސްޓްރީން ރައީސް އޮފީހުގެ ލަފައަކަށް އެދި ފޮނުވާފައިވާ އެ ޕްރޮޖެކްޓުގައި ކަން ހިނގާފައިވާގޮތާ، އެ ކުންފުނިން ދައްކަންޖެހޭ ކުލި އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވާކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވަނިކޮށް، އެކަމުގައި އެ މިނިސްޓްރީގެ ލީގަލް ސެކްޝަން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ލަފައެއް ހޯދުމަކާ ނުލައި ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ޑރ.މުޙައްމަދު މުޢިއްޒު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ޗާޓައިމް ވަކިކޮށް އެއްބަސްވުން އިޞްލާހުކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޗާޓައިމް އަކީ އިނީޝިއަލް އެއްބަސްވުމުގައި ހިމެނޭ ކަމެއް ނޫންކަމާއި، ޗާޓައިމް ނެގުމުގެ ބަދަލެއްގެ ގޮތުގައި 18 އޭޕްރިލް 2018 ގައި އެއްބަސްވުމަށް ގެނެސްފައިވާ ދެވަނަ އިސްލާޙުގެ ޒަރީޢާއިން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން އެދުނު އިތުރު ކަންކަމަށް ހުއްދަދީ ބަދަލުދީފައިވެއެވެ
އޭސީސީ

އޭގެފަހުން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ސެޕްޓެންބަރު 26، 2018 ގައި އެދުނު ގޮތަށް އަލުން ބަދަލެއްގެ ގޮތުގައި އެކުންފުންޏަށް 32,165,139.00 ރުފިޔާ ހޯދަން ހަމަ އެދުވަހު ހައުސިން މިނިސްޓްރީން އިން ރައީސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށް، ފައިސާގެ ބަދަލަކީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާއެއްކަމަށް ދޭހަވާގޮތަށް އަދި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުރިން ބަދަލު ލިބިފައިވާ ކަމުގެ ސައްޙަ މައުލޫމާތު ހާމަނުކޮށް، ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.

މާލިއްޔަތު ގަވާއިދާ ހިލާފަށް އެއްބަސްވުމުގެ މުއްދަތު އިތުރު 05 އަހަރަށް އިތުރުކޮށް އެއްބަސްވުމުގެ ފުރަތަމަ އިސްލާހުގައި ސޮއިކޮށްފައިވަނީ ހަބީބު ކަން އެނގޭ ކަމަށް ވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ޗާޓައިމްގެ ބަދަލެއްގެ ގޮތުގައި 14,493,427.00 ރުފިޔާގެ ބަދަލެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލަފައަކަށް އެދި ހައުސިން މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވީނަމަވެސް، އޮކްޓޫބަރު 14، 2018 ގައި އެ ކޮމިޝަނުން އެ ބަދަލު ދިނުން ހުއްޓުވާ، އޭގެ ސަބަބުން ދައުލަތަށް ވާންއޮތް 14 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ހުއްޓުވާފަިއވާ ކަމަށެވެ.

އެ މައްސަލައިގައި މުއިއްޒު ރައްޔިތުންނަށް ނުވަތަ ދަޢުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭގޮތަށް އަމަލުކޮށްފައިވާކަމާ، ހަބީބު އެފަރާތުގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައި ވާކަން އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.