ކޮވިޑާ ގުޅިގެން ލ. ފޮނަދޫ، ދ. މާއެނބޫދޫ އަދި މ. ވޭވަށް މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ލ. ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ، އެރަށް މޮނިޓަރިން އަށް ލާފައި ވަނީ އެ އަތޮޅު ކައްދޫ އެއާޕޯޓުގައި މަސައްކަތްކުރާ އެ ރަށު މީހަކު ޕޮޒިޓްވެ، ކޮންޓެކްޓް ޓްރޭސިން އިން ނެގި ސާމްޕަލްގެ ތެރެއިން އިތުރު 10 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.

ފޮނަދޫ އިން އިއްޔެ ފުލޫ 4 ސާމްޕަލް އެއް ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. މިއާ އެކު ޕޮޒިޓިވް ވި ޖުމްލަ އަދަދު 14 އަށް އަރާފައި ވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

މީގެ ކުރިން ފޮނަދޫ ވަނީ 3 ފަހަރު މޮނިޓަރިން އަށް ލާފައެވެ.

ދ. މާއެނބޫދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރިސޯޓެއްގައި މަސައްކަތް ކުރާ އެރަށު މީހަކު ރަށަށް ދިއުމަށް ފަހު އެނބުރި ރިސޯޓަށް ދިއުމުން ނެގި ސާމްޕަލް އެއް ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށުން ނެގި ސާމްޕަލްތަކުގެ ތެރެއިން 6 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށް އެރަށު ކައުންސިލްގެ ރައީސް ޔޫސުފް ސައީދު "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ދެއްވާފައެވެ. މީ މާއެނބޫދޫ މޮނިޓަރިންގެ ހާލަތަށް ގެނައި 2 ވަނަ ފަހަރެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މ. ވޭވަށު ކައުންސިލްގެ ރައީސް މަމްދޫހު ވަހީދު ވިދާޅުވީ އެރަށް މޮނިޓަރިން އަށް ލާފައި ވަނީ އަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓްވެ، ކޮންޓެކްޓް ޓްރޭސިން އިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 7 މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ. 2 ވަނަ ފަހަރަށް ވޭވަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، މޮނިޓަރިން އުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި ވަގުތު މޮނިޓަރިންގެ ހާލަތުގަައި 19 ރަށް އެބައޮތެވެ.

އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހު އދ. އޮމަދޫ، އދ. މަހިބަދޫ އަދި ނ. ވެލިދުއެވެ. ދެން މިދިޔަ މަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިވަގުތު މޮނިޓަރިންގައި އޮތީ 8 ރަށެކެވެ. އެއީ ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ތ. ދިޔަމިގިލި، ގއ. ވިލިނގިލި، ގއ. ކޮލަމާފުށްޓާއި ށ. މާއުނގޫދޫ އަދި ފ. ނިލަންދުއެވެ.

މި ލިސްޓުގައި ދެން އޮތް 5 ރަށް މޮނިޓަރިން އަށް ލާފައި ވަނީ މިދިޔަ އޮގަސްޓް މަހުއެވެ. އެއީ ސ. ހިތަދުއާއި، ސ. މަރަދުއާއި، ސ. މަރަދޫފޭދޔއާއި، ސ. ފޭދޫ އަދި ކ. ގާފަރެވެ.

މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން މިހާރު އެންމެ ގިނަ ދުވަސްވެފައި ވަނީ ކ. ގާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.