ދިވެހިންނާ ގުޅޭގޮތުން ދިވެހި ފުލުހުންނާއި ސިފައިންނަށް ނޭނގޭ އެތަށް ސިއްރުތަކެއް މިއަދު އިންޑިއާއަށް އެނގޭ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކުރިއަށް ގެންދިޔަ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ޖަލްސާގައި ދެއްކެވި ވާހަކައިގައި އަދުރޭ ވިދާޅުވީ ދިވެހި ދައުލަތުގެ ހުރިހާ ބާރެއްގެ ކޮންޓްރޯލް އިންޑިއާއަށް މިއަދު ދީފައިވާ ކަމަށެވެ.
އެ ޖަލްސާގައި އަދުރޭ ވިދާޅުވީ ދިވެހި ދައުލަތުގެ ކޮންމެ އަގުހުރި ތަރިކައެއް އިންޑިއާއަށް ރަހުނު ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހި ކަސްޓަމަށް އެތެރެވާ މުދަލާއި ބޭރުވާ މުދަލުގެ ތަފްސީލް ވަގުތުން ވަގުތަށް އިންޑިއާއަށް ލިބޭ ގޮތް ހަދާފައިވާ ކަމަަށެވެ. އަދި ދިވެހި ކަނޑުގެ ސަރަހައްދާއި ބިމުގެ ސަރަހައްދުގެ ހުރިހާ ސިއްރުތަކެއް ވެސް އިންޑިއާއަށް ދޫކޮށްފައިވާ ކަމަށެވެ.
އިންޑިއާއާއެކު ވެފައިވާ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ ހދ. ހަނިމާދޫއާއި، ލ. ކައްދޫއާއި، އައްޑޫ ސިޓީއާއި، މާލެ އަތޮޅުގައި އޮތް އުތުރުތިލަފަޅާއި ގުޅިފަޅު ވެސް މިހާރު އޮތީ އިންޑިއާގެ ބާރުގެ ދަށުގައި ކަމަށެވެ.
"މި ބާރުތަކުގެ ކުރިމަތީގައި ދިވެހި ފުލުހުންނާއި ސިފައިންގެ ސައިޒު ވިސްނާލާ" ދިވެހި ބިމުގައި ދިވެހި ސަލާމަތީ ހިދުމަތްތަކުގެ ބާރު ބޭރުގެ ބަރާކަށް ވުރެ ކުޑަވާ ކަމަށް ދެކެވަޑައިގެން އަދުރޭ ވިދާޅުވިއެވެ
އެމްޑީޕީގެ ޝިއާރެއް ކަމުގައިވާ "އަނެއް ދިވެހިރާއްޖެ" އަށް އިޝާރާތް ކުރައްވައި އަދުރޭ ވިދާޅުވީ އެ ދިވެހިރާއްޖެއަކީ މިނިވަން ކަން ނެތް ރާއްޖެއެއް ކަމަށެވެ. އަދި އެއީ "އިންޑިއާގެ ފުލުހުން މެދުވެރިކޮށް އަޅުގަނޑުމެންގެ ދަރިން ގައިގައި ތަޅާނެ ދިވެހިރާއްޖެ" ކަމަށެވެ.
"މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ޝިއާރުގެ ދަށުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބާލުވަން ގޮވާލާ އިދިކޮޅުން ޕެޓިޝަނެއްގައި ސޮއިކުރަންވެސް ވަނީ ފަށާފައެވެ.