ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ދިރާގު ގުޅިގެން ޗައިލްޑްހުޑް ކެންސަރު ނުވަތަ ކުޑަ ކުދިންނަށް ޖެހޭ ކެންސަރު ބައްޔާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

ދިރާގުން ބުނީ 2018 ވަނަ އަހަރުން ފެށިގެން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ "ޗައިލްޑްހުޑް ކެންސަރު އެވެއާނެސް ކެމްޕޭން" ގައި ކުރިން ވެސް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފާ ވާ ކަމަށެވެ.

މި އަހަރު އެ ކެމްޕޭންގެ ދަށުން ޗައިލްޑްހުޑް ކެންސަރުގައި ކުދިން ކުރިމަތިވާ ކަންތައްތަކަކީ ކޮބާ ކަމާ، ބަލީގެ އަލާމަތްތައް ދެނެގަންނާނެ ގޮތާ، ކެންސަރު ގުޅިގެން ދިމާވާ ނަފްސާނީ ކަންތައްތަކާ، ކެންސަރަށް ފަހު އަނބުރާ ސްކޫލަށާ އަދި މުޖުތަމައުއަށް ކުދިން ނިކުންނާނެ ގޮތާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދާދި ފަހުން އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސާ އިން ހެދި ރިޕޯޓަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން މިހާރު ޗައިލްޑް ހުޑް ކެންސަރު ވަނީ އިތުރުވެ، ޕަބްލިކް ހެލްތް ކްރައިސިސް އަކަށް ވެފާ ކަމަށެވެ. އޭގެ އިތުރުން، ކެންސަރު ގެ ސަބަބުން އެންމެ ގިނަ ކުދިން މަރުވެފައިވަނީ އޭޝިއާ ބައްރުގައި ކަމަށް ވެސް ރިޕޯޓުން ދައްކާ ކަމަށް ދިރާގުން ބުނެއެވެ.

ކުޑަކުދިންނަށް ޖެހޭ ކެންސަރު ބައްޔަކީ ދުނިޔޭގެ ނިސްބަތުން ކެންސަރު ބަލީގެ 1 ޕަސަންޓު ކަމަށާ އެހެންނަމަވެސް، ރާއްޖޭގެ ނިސްބަތުން ބެލެވޭގޮތުގައި ގާތްގަނޑަކަށް 6-7 ޕަސަންޓް ކެންސަރު ބަލީގެ ޕޭޝަންޓުންނަކީ 19 އަހަރުން ދަށުގެ ކުދިން ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްއިން ލަފާކުރާ ކަމަށް ދިރާގުން ބުނެއެވެ.

އެހެންކަމުން، ކެންސަރާ ބެހޭ މައުލޫމާތު ވީހާވެސް ގިނަ ފަރާތްތަކަށް އެނގުމަކީ މުހިންމު ކަމެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ ލުކީމިއާ އަދި ސިނކުޑިއަށް ހެޖޭ ކެންސަރު ފަދަ ކެންސަރު ބަލީގެ ބާވަތް ތަކަކީ ކުޑަކުދިންނަށް އެންމެ ގިނައިން ޖެހޭ ކެންސަރު ބަލީގެ ތެރެއިން ބާވަތްތައް ކަމަށެވެ.

މި އަހަރުގެ އެ ކެމްޕޭން ފެށުމުގެ ގޮތުން މި މަހުގެ 1 ވަނަ ދުވަހު ދިރާގުން ޗައިލްޑް ހުޑް ކެންސަރުގެ ރިބަންގެ ކުލައިން ނުވަތަ ރަންކުލައިގެ ރިބަނަކުން ދިރާގު ހެޑް އޮފީސް ދިއްލާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ. މިއަހަރުގެ ކެމްޕޭންގެ ދަށުން ޗައިލްޑް ހުޑް ކެންސަރާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ވީޑިއޯ ސީރީސް އެއްވެސް ނެރެން ގަސްތުކޮށްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ސީރީސްގެ ދަށުން އަލިއަޅުވާލާނީ ރާއްޖޭގެ ޗައިލްޑް ހުޑް ކެންސަރާ ބެހޭގޮތުންނާ، އެ ބަލީގައި މިހާރު ފަރުވާ ލިބެމުންދާ ކުދިންގެ ވާހަކަތަކާ، އަނބުރާ މުޖުތަމައު އަދި ސްކޫލަށް އެ ކުދިން ނެރެމުމަށް މުޖުތަމައުގެ އެންމެންގެ އެއްބާރުލުން ދެވޭނެ ގޮތްތަކަށް ކަމަށެވެ. އަދި އެ ކެމްޕޭނުގައި ސްކޫލް ކުދިންނަށް އަމާޒު ކޮށްގެން ހާއްސަ އޮންލައިން އާޓް އެގްޒިބިޝަނެއްވެސް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.

ކުޑަ ކުދިންނަށް އެހީތެރިވުމާއި އަޅާލުމަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް. އަދި މިފަދަ މުހިންމު ކެމްޕެއިނެއްގައި ބައިވެރިވުމަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ދެކެން. ކެންސާ ސޮސައިޓީ އޮފް މޯލްޑްވިސްއަށް މި ކެމްޕެނުގެ މެސެޖްތައް ވީހާވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދީ، ހޭލުންތެރިކަން އިތުރު ކުރުމުގެ މި ޕްރޮގްރާމުގައި ދިރާގުން ވަރަށް ފުރިހަމަ އެއްބާރުން ދޭނެ ކަމުގެ ޔަގީންކަން ދެން.
ދިރާގުގެ ޑިރެކްޓާ އޮފް ކޯޕަރޭޓް ސާވިސަސް އާތިފާ އަލީ

މި އަހަރުގެ އެ ކެމްޕޭނުގައި ކެންސަރު ބަލިން ރަނގަޅުވެގެން އަލުން އަނބުރާ ސްކޫލަށް ނިކުންނަށް ކުދިންނަށް މުޖުތަމައުން އެހީތެރިވެވޭނެ ގޮތްތަކާމެދު ހާއްސަކޮށް އަލި އަޅުވާލެވޭނެ ކަމަށާ އޭގެ އިތުރުން އެ ބަލީގެ ސަބަބުން ކުދިންނަށާ އާއިލާތަކަށް ނަފުސާނީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް އަލި އަޅުވާލާނެ ކަމަށް ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން، ޖުވޭރިޔާ ސައީދު ވިދާޅުވިއެވެ.

ދިރާގުން އަޅުގަނޑުމެންގެ ޗައިލްޑް ހުޑް ކެންސާ އެވާނަސް ކެމްޕެއިނަށް 2018 ވަނަ އަހަރުން ފެށިގެން ދަނީ މެއިން ޕާޓްނަރެއެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދެމުން. އެހެންކަމުން ދިރާގަށް ވަރަށް ޚާއްސަކޮށް ޝުކުރު ދަންނަވަން
ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ޗެއާޕާސަން، ޖުވޭރިޔާ ސައީދު

ދިރާގުން ދަނީ ކުޑަ ކުދިންކުދިންނަށް އަމާޒުކޮށްގެން ބާއްވާ އެފަދަ ޕްރޮގުރާމުތަކުގައި ރާއްޖޭގައި ހަރަކާތްތެރިވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުންމެވެ.