އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރެއްވި ފަނޑިޔާރުންގެ ތެރެއިން އޯޑިއޯ ލީކުވި ތިން ފަނޑިޔާރުން ކަމަށްވާ ގާޒީ ހުސައިން ފާއިޒު ރަޝާދާއި ގާޒީ އަލީ އާދަމް އާއި، ގާޒީ މުހައްމަދު ސަމީރުގެ މައްސަލަ ބަލައިދިނުމަށް އެދި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުޕްރީމް ކޯޓަށް ގޮވާލައިފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އޯޑިއޯ ލީކުވި ތިން ފަނޑިޔާރުންގެ މައްސަލަ ނުބަލާ ޔާމީނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަކީ ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް އެޅޭ ހުރަހެއް ކަމަށާއި، އެކަމުގެ ސަބަބުން އާންމުންނަށްވެސް އިންސާފު ލިބުމަށް ހުރަސްތައް ދިމާވެ، އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ގެއްލޭނެ ކަމަށެވެ.

އެހެންވެ، ޔާމީނުގެ ޝަރީއަތް އެއްފަރާތް ކޮށްފައި ވިޔަސް، ޔާމީނުގެ މައްޗަށް ހުކުމްކުރި ފަނޑިޔާރުންގެ ތެރެއިން ގާޒީ ފާއިޒާއި، ގާޒީ އަލީ އާއި، ގާޒީ ސަމީރުގެ އޯޑިއޯގެ މައްސަލަ ބައްލަވައިދެއްވުމަށް އުއްތަމަ ފަނޑިޔާރު މުހައްމަދު މުއުތަސިމް އަދުނާނުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް، މި އޯޑިއޯތަކުގެ ސައްހަކަން ކަށަވަރުނުކޮށް ރައިސް ޔާމީންގެ ޝަތީއަތް ކުރިއަށް ގެންދާތީ، އެ އޯޑިއޯތަކުގެ ތަހުލީލުތައް ނިމޭއިރު، އެ އޯޑިއޯތަކުގައި ވާހަކަ ދެއްކީ ތިން ފަނޑިޔާރުން ކަން ކަށަވަރުވެއްޖިއްޔާ ކޮބާތޯ ރައީސް ޔާމީނުގެ ހައްގު؟"
އަދުރޭ

ލީކުވި އޯޑިއޯތަކުގެ މައްސަލާގައި ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކުރަން އެދިފައިވާނެ ކަމަށާއި، އެގޮތުން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އާ ބައްދަލު ކުރައްވާ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށާއި، ފުލުހުންނާވެސް ބައްދަލުކުރަން އެދިފައިވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އޯޑިއޯގެ މައްސަލަ ނުބަލައި ލަސްކުރަނީ ގަސްދުގައި ޔާމީނަށް ސަރުކާރުން އަނިޔާ ދިނުމަށް ކަމަށް އަދުރޭ ތުހުމަތު ކުރެއްވިއެވެ.

އޯޑިއޯގެ މައްސަލައަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި ދެކޭތީ އެކަން އަވަސް ކޮށްދިނުމަށް އެދި މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ޕީޖީ އޮފީހަށް ސިޓީއެއްވެސް ފޮނުވާފައެވެ.

މި މައްސަލާގައި ޖޭއެސްސީން މީގެ ކުރިން ބުނީ، ގާޒީ ފާއިޒް އާއި އަލީ އާދަމް އަދި ސަމީރުގެ ފަރާތުން މައުލޫމާތު ސާފު ކުރުމުން އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށާއި އަދި އެފަދަ ވާހަކަތަކެއް ދައްކަވާފައި ނުވާނެ ކަމަށް ވިދާޅުވެފައި ވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ގާޒީ އަލީ ރަޝީދު ހުސައިން އާއި އަހްމަދު ޝަކީލް އާ ސުވާލު ކޮށްފައިވާނެ ކަމަށާއި އެ ފަނޑިޔާރުން ވެސް އެ އޯޑިއޯތަކުގައި ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރެއްވި ކަމަށްވެސް ވަނީ ބުނެފައެވެ.