ދިރާގުން "ސަޅި ޕްރީޕެއިޑް" ގެ ނަމުގައި މުޅިން އާ ޕްރިޕެއިޑް ޕްލޭންތަކެއް މިއަދު ތައާރަފް ކޮށްފިއެވެ.

ދިރާގުން ބުނީ ކަސްޓަމަރުންނަށް ގިނަ ފައިދާ އާ އިތުރު ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި މި ހާއްސަ ޕްރީޕެއިޑް ޕްލޭންތަކުން އެއް ފަހަރު އެކްޓިވޭޓްކޮށްލައިގެން 1 ހަފުތާ، 2 ހަފުތާ ނުވަތަ އެއް މަސްދުވަހަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އާވެގެން ދާނެ ކަމަށެވެ.

އެގޮތުން އެންމެ 145 ރުފިޔާއިން ފެށިގެން ސަޅި ޕްރީޕެއިޑްގެ ޕްލޭންތައް ފެށޭ އިރު، މީގެ ކޮންމެ ޕްލޭނަކުން ދުވާލަކު ލިބޭ އެއް ޖީބީ ޑޭޓާ އެލަވަންސްގެ އިތުރުން ހިލޭ ސޯޝަލް މީޑިއާ ޑޭޓާ އަދި އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މިއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތަކަކީ އެންމެ ގިނަ ޑޭޓާ އެއްމެ އެކްޓިވޭޝަނަކުން ފޯރުކޮށްދޭ ޕްރީޕެއިޑް ޕްލޭންތަކެއް ކަމަށް ދިރާގުން ބުނެއެވެ.

ސަޅި ޕްރީޕެއިޑް ތައާރަފުކުރުމާ ގުޅިގެން ދިރާގުން ވަނީ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާ އެއްވެސް ތައާރަފުކޮށްފައެވެ. އެގޮތުން، ސަޅި ވީކްލީ އަދި ސަޅި 2 ވީކްސް ޕްލޭނުން ކަސްޓަމަރުންނަށް ސެޕްޓެމްބަރު 12، 2021 އާ ހަމައަށް 1 ޖީބީގެ ބަދަލުގައި 2 ޖީބީ ޑޭޓާ ކޮންމެ ދުވަހަކު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ ސަޅި ޕްރީޕެއިޑް ތައާރަފު ކުރުމާ ގުޅިގެން ކުންފުނީގެ މެނޭޖާ ކޮންސިއުމާ ޕްރީޕެއިޑް އައިޝަތް އިޝާނާ ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުން ޑޭޓާ ބޭނުން ކުރާ މިންވަރު ބަލާ، ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާއިއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ޕްލޭންތައް ފަރުމާކުރުން ކަމަށެވެ.

ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ތައާރަފު ކުރި ޕްލޭންތަކުން ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު 1 ޖީބީ ޑޭޓާ އެލަވަންސް ލިބި، ޑޭޓާއިން ގިނަ ކަންތައްތައް އެންމެ އެކްޓިވޭޝަނަކުން ފަސޭހަކަމާއެކު ކޮށްލެވޭނެ. ހަމަ މިއާއެކު، ދިރާގު ސަޅި ޕްރީޕެއިޑް އަކީ މުޅި މަހަށް ބަހާލަންޔާ އެންމެ ބޮޑު ޑޭޓާ އެލަވަންސްއެއް މާކެޓްގައި އެންމެ ހެޔޮ އަގުގައި ލިބިގެންދާ ޕްރީޕެއިޑް ޕްލޭންތައް
ދިރާގުގެ މެނޭޖާ ކޮންސިއުމާ ޕްރީޕެއިޑް އައިޝަތް އިޝާނާ

ދިރާގުން ބުނި ދިރާގު ސަޅި ޕްރީޕެއިޑް ޕްލޭންތައް ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ.

ދިރާގުގެ މަގްސަދަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާ ތަނަވަސްކަން ގެނެސްދީ، އިތުބާރާ ޔަގީންކަމާއެކު މުޅި ރާއްޖޭގެ އެންމެނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.