ކުރިއަށްއޮތް ބަންދުދުވަސްތައް އައުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައިފިއެވެ.

ނައިބު ރައީސް ވަނީ އެޗްއީއޯސީއަށް ޒިޔާރަތް ކުރައްވާ އެތަނުގައި މަސައްކަތްކުރައްވާ އޮފިޝަލުންނާއި ބައްދަލުކުރައްވައި ކޮވިޑް-19 ގެ ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ.

މިބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ދަރުބާރުގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި އެޗް.އީ.އޯ.ސީގެ ބޭފުޅުން ވަނީ ރާއްޖޭގައި ކޮވިޑް-19 އާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ނައިބުރައީސްއަށް ކިޔާދެއްވާފައެވެ. ނައިބު ރައީސް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކޮވިޑް-19 ގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައި އޮތުމުން ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ފާހަގަ ކުރައްވައިފައެވެ. އެހެންނަމަވެސް މި ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރެވިދާނެކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

މިއަދު އެޗްއީއޯސީގައި ކުރިއަށް ދިޔަ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވާފައެވެ. އެގޮތުން މިހާރު އެތަންތަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބަލާފައި ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓާ އޮފް ހެލްތް އަހްމަދު ނަސީމް ވަނީ ވެކްސިން ދެވޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ބާރުއަޅުއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެޗްއީއޯސީއިންވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވާފައެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިންއަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން، މިނިސްޓާ އޮފް ހެލްތާއި، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި، އެޗްއީއޯސީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.