ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބޭނުންވާ ޓްރާންސްފޯމަރުތައް ބަހައްޓައިފިއެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލެ ފޭސް-2ގެ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެނަޖައިޒް ކޮށް، މިހާރު ހިޔާ ފްލެޓްތަކަށް ކަރަންޓުދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރުތައް ލައިވް ކޮށްފައިވާ ކަމަށެވެ.

ކުރިން އެ މަސައްކަތް ހަވާލުކުރެވިފައިވަނީ ޗައިނާގެ ކުންފުންޏަކަށެވެ. އެ ކުންފުނިން މާލެއަށް ޓްރާންސްފޯމަރުތައް ގެނެއި ނަމަވެސް އެ އިންސްޓޯލްކުރަން ޗައިނާއިން ރާއްޖެއަށް އަންނަންޖެހޭ ފަރާތްތަކަށް، އައުމުގެ ހުއްދަ ޗައިނާ ސަރުކާރުން ނުލިބިގެން ނާދެވިފައިވާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ޗައިނާގެ ކުންފުނިން އެހެން ބަޔަކު ލައްވާ ޓްރާންސްފޯމަރު ހަރުކޮށްފިނަމަ އޭގެ ވޮރެންޓީ ގެއްލޭނެ ކަމަށެވެ. އެހެނަސް ސްޓެލްކޯއިން ތިބީ އެ ޓްރާންސްފޯމަރު ހަރުކޮށްދޭގޮތަށް ކަމަށް އަސްލަމް އޭރު ވިދާޅުވިއެވެ.

މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ފަށާއިރު، ސޮއިކުރަން ފަށާ ދުވަހު ތަޅުދަނޑި ހަވާލުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ފްލެޓުތައް ލިބުނު މީހުންނަށް މިހާރު ދަނީ އެ ތަންތަން ދެއްކުމުގެ މަސައްކަތް ކުރަމުންނެވެ.