ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށްފަހު އެކަމުގެ ތަފްސީލީ މައުލޫމާތު ރައްޔިތުންނަށް ހާމަ ކުރާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު މާލެ އާއި ހުޅުމާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑުމަށްފަހު ހިދުމަތް ލިބޭ ވަރުވީ 5 ގަޑިއިރެއްހާއިރު ފަހުންނެވެ. މި މައްސަލަ މެދުވެރިވި ސަބަބު މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާއިރު ރައީސް މުއިއްޒުގެ އެންގެވުމުގެ މަތިން ފުލުހުން އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާއި ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި، ކަރަންޓު އަލުން ދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެ ކުންފުނިން އަޅާނެ ކަމަށެވެ.

"މީގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން. އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން،" ފަހުމީގެ ޕޯސްޓުގައި ވެއެވެ.

އަދި ހަމަ އެހެންމެ އެ މައްސަލަ މެދުވެރިވި ސަބަބު ދެނަގަނެ، އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ވަނީ ދެއްވާފައެވެ.

އެ މައްސަލަ އާއި ގުޅިގެން ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހިދުމަތްދޭ އެއްވެސް އާލާތެއް (އިކުއިޕްމެންޓް)އަކަށް ގެއްލުންވެގެން ނޫން ކަމަށެވެ. އަދި ހަމަ އެހެންމެ މިވަގުތަކަށް މާލެއަކަށް ކެޕޭސިޓީގެ ޝޯޓޭޖެއް ވެސް ނެތް ކަމަށް އެ ކުންފުނީގެ ފަރާތުން ވަނީ މިއަދު މައުލޫމާތު ދީފައެވެ.

އަދި އެ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ފުލުހުން މިރޭ ބުނެފައިވެއެވެ.