އިއްޔެ މާލެ އާއި ހުޅުމާލެ އާއި ވެލާނާ އެއާޕޯޓުން ކަރަންޓު ކެނޑި ހިދުމަތްތަކަށް ބުރޫ އެރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މާލެ ސަރަހައްދުން އެއްކޮށް ކަރަންޓު ކެނޑުމަކީ މީގެ ކުރިން ހިނގި ކަމެއް ނޫން ކަމަށާއި، އެގޮތަށް ކުއްލިއަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުން ދިޔަ މީހުންނަށާއި އެ ތަނުގައި ހުރި އާލާތްތަކަށް ގެއްލުންވާނެ ކަމަށެވެ.

އޭގެ އިތުރުން މި ކަމުގެ ސަބަބުން މާލެ ސަރަހައްދުގެ ވިޔަފާރިތަކަށް ގެއްލުންވެ އެއާޕޯޓު ހުއްޓުމަކަށް އައުމުގެ ސަބަބުން ފަތުރުވެރިންގެ ދަތުރުފަތުރަށް ބުރޫ އެރި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ސަމާލުކަމަށް މި ކަން ގެނައުމަށް ގޮވާލާ ހުށަހެޅި މި ކުއްލި މައްސަލަ ބަލައިގަނެ މައްސަލައަށް ބަހުސްކުރަން ފެނޭތޯ ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 52 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ވޯޓުން ވަނީ މި މައްސަލަ ބޭރުކޮށްލައިފައެވެ. މި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

މުޅި މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުނީ މެންދުރު 12:30 ހިސާބުގައެވެ. ގާތްގަނޑަކަށް އިރުއޮއްސި 6 ޖަހާކަން ހާއިރު މާލޭގެ ހުރިހާ ސަރަހައްދަކަށް ވަނީ ކަރަންޓު އަލުން ފޯރުކޮށްދީފައެވެ.