މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އާއި ގުޅިގެން ސަލާމަތީ ކަންކަން ބަލަހައްޓަން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރު 12:30 އެހާއިރު ކަރަންޓު ކެނޑުނު ގޮތަށް މުޅި މާލެ ސަރަހައްދަށް ކަރަންޓު ދީފައި ވަނީ އިރުއޮއްސި 6 ޖަހާކަށްހާއިރުއެވެ. އެ މައްސަލައާއި ގުޅިގެން ފުލުހުން ހާއްސަ ތަހުގީގެއް ވެސް ފަށާފައިވާއިރު ދާދި ދެންމެއަކު ފުލުހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ގްރޭޓާ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.
އަދި މި މަސައްކަތްތައް، ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވި އާންމު ހާލަތަށް ގެނެވެންދެން ކުރިއަށްދާނެ ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައި ވެއެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު ހަކަތައާއި ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް ވެސް ވަނީ މި ފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
ކަރަންޓު ކެނޑުނު ވަކި ސަބަބެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް ސްޓެލްކޯއިން ބުނީ، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ހިދުމަތްދޭ އެއްވެސް އާލާތެއް (އިކުއިޕްމެންޓް)އަކަށް ގެއްލުންވެގެން ނޫން ކަމަށެވެ. އަދި ހަމަ އެހެންމެ މިވަގުތަކަށް މާލެއަކަށް ކެޕޭސިޓީގެ ޝޯޓޭޖެއް ވެސް ނެތް ކަމަށް އެ ކުންފުނީގެ ފަރާތުން ވަނީ މިއަދު މައުލޫމާތު ދީފައެވެ.