އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ކަސްޓަމަރުންނަށް ޒަމާނީ ހިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާ މެދު އޮންނަ އިތުބާރު އިތުރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރެވި، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތައާރަފު ކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްމާޓް މީޓަރުގެ މި ސްމާޓް އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެނި، ގަޑިއިރަކަށް، ދުވާލަކަށް އަދި ހަފްތާއަކަށް ކަރަންޓު ބޭނުން ކުރެވޭ މިންވަރު ވެސް ފެންނަމުން ދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މި ހިދުމަތާއެކު ކަސްޓަމަރުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ، ކަރަންޓު ބޭނުން ކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ހަރަދު ކުޑަކުރެވިގެން ދިއުން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، އެއް ބިލަށް ވުރެ ގިނަ ބިލަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ސްޓެލްކޯ ކެއާ މެދުވެރިކޮށް، ކަސްޓަމާ ސާވިސް މުވައްޒަފުންނާ މުއާމަލާތް ކުރުމުގެ ފުރުސަތު ވެސް މި ސްމާޓް އެޕްލިކޭޝަނުން ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ތަރައްގީގެ އެންމެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން، ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ކުންފުންޏާ މެދު ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު ލިބިގެންދާ ފަސޭހަތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުމަކީ ސްޓެލްކޯގެ އެންމެ މުހިންމު އަމާޒު ކަން ފަހުމީ ފާހަގަ ކުރެއްވިއެވެ. މި އަމާޒަށް ވާސިލުވުމުގައި ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމާއި، ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

2019 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގެ ބިލްތަކާ މެދު ރައްޔިތުން ކަންބޮޑުވުން އުފުލާ ކޮންމެ ފަހަރަކު ސްމާޓް މިޓަރު ތައާރަފްކުރާނެ ކަމަށް ބުނެ މިއީ ރައްޔިތުން އިގްތިސޯދުކުރާ ކަރަންޓުގެ މިންވަރު އެންމެ ފަސޭހައިން ދެނެގަނެވޭނެ ގޮތް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް ސްމާޓް މީޓަރު ތައާރަފް ކުރަނީ މިއީ ހަމައެކަނި ދުލުން ބުނެވޭ ބަހަކަށް ވަނީ ވެފައެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ސްޓެލްކޯ ހިންގުމާ ހަވާލުވެ ފަހުމީ ވަނީ ސްމާޓް މީޓަރު ޕްރޮޖެކްޓެއް ކުރިން ހިންގި ކަމަށާއި ނަމަވެސް އެއްވެސް ގެއެއްގައި ސްމާޓް މީޓަރު ހަރުކުރެވިފައި ނުވާ ކަމަށް ވިދާޅުވެފައެވެ އަދި ސްމާޓް މީޓަރުގެ މަސައްކަތް އޮތީ އަލުން ބަލުން ކުރަން ޖެހިފައި ކަމަށް ވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.