މިސްރުގެ ގާހިރާގައި މި މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ "އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން" (އޯއައިސީ)ގެ 'މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން'ގެ 8 ވަނަ ސެޝަންގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ބައިވެރިވެ ވަޑައިގެންފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ ބައްދަލުވުމަކީ ކޮވިޑް-19 ގެ ހާލަތުގައި އިސްލާމީ ގައުމުތަކުން އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކާ ކުރަމުންދާ މަސައްކަތްތަކާ، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކާ ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވޭ އެންމެހާ މަސައްކަތްތަކުގެ ތެރެއިން، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އިސްލާމީ އެކިއެކި ގައުމުތަކުގެ ތަޖުރިބާތައް ހިއްސާކު ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓީރިއަލް ކޮންފަރެންސްގެ 8 ވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާ އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކާ ކޮށްފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރެއްވިއެވެ.

އޭގެ އިތުރުން، އޯއައިސީގެ މެންބަރު ގައުމުތަށް ހިމެނޭގޮތަށް، އެ ޖަމްއިއްޔާއިން އަލަށް ގާއިމުކޮށްފައިވާ ވިމަން ޑިވަލްޕްމަންޓް އޯގަނައިޒޭޝަން (ޑަބްލިއުޑީއޯ)ގެ މިނިސްޓްރީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން ވެސް ޖުލައި މަހުގެ 5 ވަނަ ދުވަހުން ޖުލައި މަހުގެ 7 ވަނަ ދުވަހަށް މިސުރުގެ ގާހިރާގައި ކުރިއަށް ގެންދިޔަ ކަމަށް މިނިސްޓްރީން ބުނެއެވެ. އެބައްދަލުވުމުގައި ވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގެންވިއިރު މި ބައްދަލުވުމުގައި ޑަބްލިއުޑީއޯގެ ހިންގުމާ ގުޅޭ މުހިންމު ކަންކަން ނިންމިގެންދިޔަ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޯއައިސީގެ "މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން"ގެ ބައްދަލުމުގެ ތެރެއިން / ފޮޓޯ: އޯއައިސީ

އޯއައިސީގެ 'މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން'ގެ 8 ވަނަ ސެޝަންއާ ގުޅިގެން ބޭއްވި ސައިޑް އިވެންޓްތަކުގެ ތެރެއިން، ޖުލައި 6 ގައި ބޭއްވި 'މިނިސްޓީރިއަލް އިންޓަރެކްޓިވް ޑައިލޮގް އޮން އިކޮނޮމިކް އެމްޕަވާވަމަންޓް އޮފް ވިމަން އިން ދަ ނިއު ނޯރމަލް' ގައި ވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ގެ ހާލަތުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާ އަންހެނުން އިގްތިސާދީގޮތުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރު އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރު ވަނީ ދިވެހިރާއްޖެއިން ގެވެށި އަނިޔާ ހުއްޓުވުމަށްޓަކާ އާންމުން ހޭލުންތެރިކުރުމަށާ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބޭ ހިދުމަތްތައް ހަރުދަނާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ 'ގެވެށި ގުޅުން' ކެމްޕޭނާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.

އޭގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ހާލަތު ބަދަލުވެ، މާލޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވެ ވަޒަންވެރިވާން އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއިން ކުރިއަށްގެންދާ 'އަހުލު' ޕްރޮގްރާމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޖުލައި 7 ވަނަ ދުވަހު ބޭއްވުނު އޯއައިސީގެ ވިމަން ޑިވަލޮޕްމަންޓް އޮގަނައިޒޭޝަންގެ މެންބަރު ގައުމުތުގެ މިނިސްޓީރިއަލް ރައުންޑްޓޭބަލްގައި ވެސް މިނިސްޓަރު ވާހަކަ ދެއްކެވި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ބައްދަލުވުމަކީ އޯއައިސީގެ ތެރެއިން އަންހެނުންގެ ތަރައްގީއަށްކުރާ އެންމެހާ މަސައްކަތްތަކުގައި ޑަބްލިއުޑީއޯގެ މެންބަރު ގައުމުތަކުން ކުރާނެ މަސައްކަތްތަކާ، އދގެ އެކި އެކި ޖަމިއްޔާ ޖަމާއައްތަކާ ގުޅިގެން ޑަބްލިއުޑީއޯގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ޑަބްލިއުޑީއޯގެ މިނިސްޓީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން އަދި އޯއައިސީގެ 'މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން'ގެ 8 ވަނަ ސެޝަން އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ސީނިއާ އޮފިޝަލުންގެ ބައްދަލުވުންތަކުގައި ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލުވުންތަކުގެ ތެރެއިން، އޯއައިސީގެ މެންބަރު ގައުމުތަކުން އަންހެނުންގެ ތަރައްގީއަށާ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރާ އެންމެހާ މަސައްކަތްތަކާ ތަޖުރިބާތަކަށް ބިނާކޮށް، ހުރިހާ ގައުމުތަކެއް ގުޅިގެން، ވަށާޖެހިގެންވާ ނިޒާމެއްގެ ތެރެއިން އަންހެނުންގެ ތަރައްގީއަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ހާމަވެގެންދިޔަ ކަމަށް މިނިސްޓްރީން ބުނެއެވެ.