އެމްބިއުލާންސްގެ ލަސްވާ ކަމުގެ ޝަކުވާ ހެލްތު މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ލިބިވަޑައިގެންފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ނަސީމް އެހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.
އެގޮތުން އެ ބައްދަލުވުމުގައި މެންބަރު އިމްތިޔާޒް ފަހުމީ ވަނީ މީގެ ކުރިން ވެސް އެމްބިއުލާންސް ލަސްވާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބިފައި ވޭތޯ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ނަސީމް ވިދާޅުވީ ނަސީމް މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ލަސްތަކެއް ހުރިކަން ފާހަގަ ކުރެއްވިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން މިނިސްޓަރާ ހަމައަށް ނައިސް ވެސް އޮވެދާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.
ނަސީމް ވަނީ ކޮވިޑް ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު ކުއްޖާ، 10 އަހަރުގެ ފާތުމަތު މިޝްކާގެ ހާދިސާގައި އެމްބިއުލާންސް ޓްރިގާ ކުރިތާ 10 މިނެޓް ތެރޭގައި މިޝްކާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވިދާޅުވެފައެވެ.
އޭގެ އިތުރުން އެ ހާދިސާއާ ގުޅިގެން އެމްބިއުލާންސްގެ ހިދުމަތް ފަސޭހައިން ފޯރުކޮށް ދިނުމުގެ ގޮތުން އެމްބިއުލާންސްގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ބަދަލު ކޮށްފައިވާ ކަމަށް ވެސް ނަސީމް ވަނީ ފާހަގަ ކުރައްވާފައެވެ.
މިޝްކާ އަށް އެޓެންޑް ވާންޖެހޭ ފަރާތްތަކުން ފަރުވާތެރި ކަމާއެކު އެކަށީގެންވާ ވަގުތުގެ ތެރޭގާއި އެޓެންޑްވި ނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީސް ކަމަށް އޭނާގެ މަރާ ގުޅިގެން ހެދި ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކޭސް ރިވިއުއާ އެއްގޮތަށް، ކޭސް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ މިޝްކާގެ ކޭސް އަކީ އެމަޖެންސީ ހާލަތެއް ކަމަށް ކޯލް ސެންޓަރަށާއި މެޑިކަލް ރެސްޕޯންސް ޓީމު (ޑީއެމްއާރްޓީ) އަށް ވެސް ބެލިފައި ނެތް ކަމަށެވެ. އެހެންކަމުން އެ ކުއްޖާގެ ފަރުވާއަށް ދިއުމާއި، ފަރުވާ ފޯރުކޮށްދިނުމުގައި އެކަށީގެންވާ ލަސްތަކެއް ވެފައިވާ ކަމަށެވެ.
ކޭސް ރިޕޯޓުގައި ބުނެފައި ވަނީ އެ ކޭސް އަކީ އެމަޖެންސީ ކޭސް އެއް ކަމަށް ޑީއެމްއާރްޓީގެ ޑޮކްޓަރަށް ދެނެނެގަނެވިފައި ނުވާތީ އެމްބިއުލާންސް ޓްރިގާ ކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އިތުރު ކޮންސަލްޓޭޝަނަކަށް ކްލިނިކަލް މެޑިކަލް ރެސްޕޯންސް ޓީމް (ސީމެޓް) އަށް މެސެޖު ފޮނުވާފައިވާ ކަމަށެވެ.