ގްރޭޓާ މާލެ ސަރަހައްދުގައި ގައުމީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކޮށްފިއެވެ.

މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. މި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ގައުމީ އެމްބިއުލާންސް ހިދުމަތުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކޮށްގެންނެވެ.

އެގޮތުން މާލެ ސަރަހައްދުގެ ބޮޑެތި ހޮސްޕިޓަލްތަކުގެ އިތުރުންވެސް ކަމާގުޅުންހުރި މުވައްސަސާތަކުން މިހިދުމަތް ފޯރުކޮށްދިނުމުގައި ބައިވެރިވާނޭ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ހިދުމަތް މިއަދު ތައާރަފް ކުރީ މާލެ އޭރިއާގައި އެކަނި ނަމަވެސް މުސްތަގްބަލުގައި އެކި ސަރަހައްދުތަކަށް ބަހާލައިގެން މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖުމްހޫރީ މައިދާނުގައި ގައުމީ އެމްބިއުލޭންސް ހިދުމަތް އިފްތިތާހް ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު / ފޮޓޯ: ހެލްތް މިނިސްޓްރީ

މި ހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގްސަދަކީ މެޑިކަލް އެމަޖެންސީތަކުގެ އިތުރުން ދިމާވާ އެކްސިޑެންޓްތަކުގައި އަވަހަށް އެޓެންޑްވެ ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދެވެންދެން ޕްރީ ހޮސްޕިޓަލް ކެއާގެ ހިދުމަތް ފޯރުކޮށްދީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެވެ.

ރައްޔިތުންނަށް އެދެވޭ ގޮތެއްގައި މި ހިދުމަތް ފޯރު ކޮށްދިނުމަށް 24 ގަޑިއިރު ހިދުމަތް ދޭ ކޯލް ސެންޓަރެއް ގާއިމް ކޮށް އެކަމަށް ހާއްސަ ނަންބަރެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެ ހިދުމަތަށް ކަނޑައަޅާފައިވާ ހާއް ނަންބަރަކީ 100 އެވެ.