ސިއްހީ ހިދުމަތް ހޯދަން އެއް ރަށުން އަނެއް ރަށަށް ރައްޔިތުން ކުރަމުން އައި ދަތުރުފަތުރު ހުއްޓުމަކަށް ގެނައުމަށް "މޯލްޑިވްސް ހެލްތް ލައިން" އިފްތިތާހް ކޮށްފިއެވެ.

މޯލްޑިވްސް ހެލްތު ލައިނަކީ ސިއްހީ ދާއިރާގެ އިންތިޒާމްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފް ކުރި ހެލްތު ލައިނެކެވެ. މި ހެލްތް ލައިންގެ ދަށުން އެކި ދާއިރާގެ ޑޮކްޓަރުން ވަކި ޕްލޭނެއްގެ ދަށުން ގަވާއިދުން ރަށްރަށަށް ގޮސް އައުޓް-ރީޗް ޕްރޮގްރާމްތައް ހިންގާނެއެވެ. މީގެ ސަބަބުން ރައްޔިތުން ސިއްހީ ހިދުމަތް ހޯދަން އެއްރަށުން އަނެއްރަށަށް ދާންޖެހޭ ޖެހުމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެއެވެ.

މޯލްޑިވްސް ހެލްތް ލައިން އިފްތިތާހުކޮށް ދެއްވީ، ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވީ، މި ހެލްތް ލައިން ވެގެންދާނީ ސިއްހީ ހިދުމަތަށް އެއް ރަށާއި އަނެއް ރަށް ގުޅުވާލުމަށް އަތޮޅުތަކުގައި ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމްތައް ފުރިހަމަ ކުރެވޭނެ މުހިންމު ނިޒާމަކަށް ކަމަށެވެ. މިއާއެކު ރަށްރަށަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ކަށަވަރުކޮށް ދެވޭނެ ކަމަށާއި ބޭހާއި ލެބޯޓްރީ ސާމްޕަލް އަދި ބަލިމީހުން އުފުލުމަށް ވެސް މި ނިޒާމުގެ ސަބަބުން ބޮޑު ލުއިފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތް ލައިންގައި ބޭނުން ކުރާ ލޯންޗް

އެގޮތުން ފުރަތަމަ ބުރުގައި 7 އަތޮޅަކަށް 8 ލޯންޗް މިހާރު ހަވާލުކޮށްފައިވާ އިރު، ކޮންމެ މަހަކު 2 ލޯންޗް އިތުރުކުރަމުން ގޮސް ޖުމްލަ 20 އަތޮޅަށް މި ހިދުމަތް ފުޅާކުރެވޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ. އަދި އެ ހުރިހާ ލޯންޗެއް އަންނަ ނޮވެމްބަރުގެ ތެރޭގައި ހަވާލުކޮށް ނިންމާލެވޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ. މިއަދު ކަނޑުގެ ފްލީޓް ތައާރަފްކުރި އިރު ކުރިއަށް އޮތް ތަނުގައި އުންމީދަކީ ވައިގެ ނިޒާމުން ވެސް ރަށްރަށް ގުޅިގެން ދިއުން ކަމަށާއި އަމާޒަކީ ސިއްހީ ހިދުމަތް ހޯދަން ރަށްރަށައް ކުރަންޖެހޭ ދަތުރު ވީހާވެސް މަދުކުރުން ކަމަށް ނަސީމް ވިދާޅުވިއެވެ.

ހެލްތް ލައިންގައި ބޭނުން ކުރާ ޑްރޯން

މޯލްޑިވްސް ހެލްތް ލައިންގެ ދަށުން 20 އަތޮޅުގައި ހިމެނޭ 183 ރަށެއްގައި އެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އިރު، އެ ދަތުރުތަކަށް ހާއްސަކޮށްގެން 20 ހައިސްޕީޑް ލޯންޗު ރާއްޖޭގެ 20 އަތޮޅަށް ފޮނުވަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ހަތް އަތޮޅަކަށް ސްޕީޑް ލޯންޗު ވަނީ ހަވާލުކޮށްފައެވެ. ބާކީ 13 އަތޮޅަށް ފޮނުވަން ހަމަޖެހިފައިވާ ލޯންޗުތައް އަންނަ ނޮވެމްބަރު މަސް ނިމެންވާއިރަށް ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ހެލް ލައިންގެ ދަށުން ހުރިހާ އަތޮޅަކަށް ފޯރުކޮށް ދެނީ 38 ފޫޓުގެ ދިގުމިނުގެ ލޯންޗުތަކެކެވެ. ނަމަވެސް ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ލޯންޗުތަކެކެވެ.