މަސްތުވާ ތަކެތިން ސަލާމަތްވުމަށް ރާއްޖޭގެ މިސްރާބު ހުރީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން އެ މިސްރާބަށް ކަމަށް ހެލްްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅިގެން މި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ އެ މިސްރާބުން ކަސިޔާރު ނުވެ ކުރިއަށް ގޮސްފިނަމަ ރަނގަޅު މަންޒިލަކަށް ދެވޭނެ ކަމަށެވެ.

ނަސީމް ވިދާޅުވީ ސިއްހީ ނަޒަރިއްޔާތަކުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ހޯދުމާމެދު ދެކި، މޭ 5، 2021 އިން ފެށިގެން ހެލްތު މިނިސްޓްރީ ދަށަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މަސައްކަތްތައް ބަދަލުކުރުން ވެގެންދިޔައީ މަސްތުވާތަކެތިން ސަލާމަތްވުމަށް އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.

މަސްތުވާތަކެތިން ދިވެހި މުޖްތަމައު ރައްކާތެރި ކުރުމަށް ކަންކަން ރޭވުމަށާއި، އިސްލާހީ ފިޔަވަޅުތައް ދެނެގަތުމަށް ބޭނުންވި ފަންނީ އަދި އިތުރު އެހީތެރިކަން ފުރަތަމަ ދިނީ އަދި ހުއްޓުމެއް ނެތި ދެމުން ދަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ކަން ފާހަގަ ނަސީމް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މި ކަމުގައި ހުރި ހައްސާސްކަމާއި މުހިންމު ކަން ހިއްސާ ކުރުމާއި ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ހުށަހެޅުމުގެ އިތުރުން ގެނެވެމުންދާ އިސްލާހްތަކާއި ޕްލޭންތައް ރައްޔިތުންގެ މަޖިލީހުގެ މިކަމާ ގުޅޭ ކޮމިޓީ މެންބަރުންގެ ލަފާއާއި އިރުޝާދާއެކު ބިނާ ކުރުމާއި މަސައްކަތް ކުރިއަށް ދާ ގޮތުގެ މައުލޫމާތު އެ ކޮމިޓީތަކަށް ހުށަހެޅުމުންދާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ އެންޑީއޭ މިއަދު މިދެކޭ ހެޔޮ ބަދަލުތައް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި ކަންކަން ތަރުތީބުކޮށް ކުރިއަށް ކުރަން ހުރި ކަންކަން ދެނެގަނެ މިހާރު ކުރިއަށް މިދަނީ ތަންފީޒީ މަރުހަލާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ކުރިއަށް ގެންދެވިއްޖެނަމަ މާލެ ނާއިސް އަތޮޅުތެރެއިން ފަރުވާ ލިބޭނެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށެވެ.

މަސްތުވާތަކެތިން ސަލާމަށްވުމަށް ކުރަމުންދާ މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަން މިނިސްޓަރު ނަސީމް ވަނީ ފާހަގަ ކުރައްވާފައެވެ.

މިރޭ ބޭއްވި ޖަލްސާގައި އެންޑީއޭ ރީ ބްރޭންޑްކޮށް އެންޑީއޭގެ އާ ލޯގޯ ވެސް ވަނީ ދައްކާލާފައެވެ.