ޖުޒާމު ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފާއެކު، ޑަބްލިއުއެޗްއޯ އިން މިކަން ފާހަގަކޮށް ރާއްޖެއަށް ހާއްސަ އެވޯޑެއް ދީފިއެވެ.
މި އެވޯޑު ރާއްޖެއަށް ދީފައިވަނީ، މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 'ރީޖަނަލް ކޮމެޓީ' ގެ 76 ވަނަ ބައްދަލުވުމުގައެވެ. ނިއުދިއްލީގައި ކުރިއަށް ދާ ބައްދަލުވުމުގައި މި އެވޯޑް ހެލްތް މިނިސްޓަރު އަހްމަދު ނަސީމު އާ ހަވާލު ކޮށްދެއްވީ ޑރ. ޕޫނަމް ކެރަތަޕާލް ސިންގްއެވެ.
ރާއްޖެއިން މި ހޯދި ކާމިޔާބީއަށް ޑަބްލިއުއެޗްއޯ އިން މަރުހަބާ ކިޔާފައި ވާއިރު، ޖުޒާމް ބަލި ނެތް ގައުމެއްކަން ކަނޑައެޅުމަށް، ރާއްޖެއިން މަސައްކަތް ފަށާފައި ވަނީ 2019 ވަނަ އަހަރުއެވެ. އެ ގޮތުން 2019 ވަނަ އަހަރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާއެކު "ފްރޭމްވޯކް ފޯ ޒީރޯ ލެޕްރަސީ" ގެ ނަމުގައި ފްރޭމް ވޯކެއް ތައާރަފު ކޮށްފައެވެ. މި ފްރޭމްވޯކަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ޖުޒާމު ބަލި ނެތްކަން ކަނޑައެޅުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމެވެ.
ޖުޒާމް ބަލި ނެތް ގައުމެއްކަން ކަނޑައެޅުމަށް ރާއްޖެއަށް ބޭނުންވާ އެންމެ މުހިންމު އެއް ޝަރުތަކީ 100 ރަށުގައި ޖުޒާމް ބަލި ނެތްކަން ކަށަވަރު ކުރުން ކަމުގައި ވާއިރު ހެލްތް މިނިސްޓްރީން ވަނީ ސިއްހީ ހިދުމަތްތެރިންނަށް މިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ރަށްރަށުން ސްކްރީންކޮށް ބަލި ރާއްޖޭގައި އުޅޭތޯ ދެނެގަތުމުގެ މަސައްކަތް ކޮށްފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ޖުޒާމު ބަލި ނެތް ގައުމެއް ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ އިންޓާނަލް އަދި އެކްސްޓާނަލް ވެރިފިކޭޝަންގެ މަސައްކަތް ނިމި، "ޒީރޯ ލެޕްރަސީ ފްރޭމްވޯކް" ހިމަނާފައިވާ ގިނަ ލަނޑުދަޑިތަކެއް ހާސިލް ކުރެވިފައި ވާކަމަށެވެ. މި ފްރޭމްވޯކް ގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ބެލުމަށާ އަދި މި ލަނޑުދަޑިތައް ހާސިލުކުރެވުނު މިންވަރު ބެލުމަށް ޑަބްލިއުއެޗްއޯ ގެ ޓީމެއް ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު އެ ޓީމާއެކު މަޝްވަރާތައް ބާއްވާފައި ވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ 178 ރަށެއް ވަނީ ޖުޒާމުބަލި ނެތް ރަށްތަކުގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ހަމަވެފައި ކަމަށެވެ.