ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ ހުރިހާ މަރުކަޒެއް ޑިޖިޓަލައިޒްކުރަން 53 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ހަވާލުކޮށްފިއެވެ.

ސިއްހީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗާ ތަރައްގީކުރަން ސަރުކާރުން ކުރާ އެންމެ ބޮޑު އެއް މަސައްކަތުގެ ތެރެއިން މިއަދު ވަނީ ރީޖަނަލް 5 ހޮސްޕިޓަލާއި 15 އަތޮޅު ހޮސްޕިޓަލް އަދި 163 ސިއްހީ މަރުކަޒަށް ބޭނުންވާ ކޮމްޕިއުޓަރާއި ޓެބްލެޓް ފަދަ ތަކެތި ހަވާލުކޮށްފައެވެ.

މިތަކެތި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް ކުރިމަތިވި ބޮޑެތި އެކި ރޯގާތަކާ ބަލިތައް ކޮންޓްރޯލްކޮށް އަދި ވެކްސިން ޖެހުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަމަށެވެ. އަދި އޭރުގެ ހާލަތާ މިހާރުގެ ހާލަތު ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކޮށް ނަސީމް ވިދާޅުވީ ސިއްހީ ދާއިރާއަށް އައި ކުރިއެރުންތަކާއެކު ލުއިތަކެއް ލިބިފައިވާ ކަމަށެވެ. " އޭރު ހުރި ހަމައެކަނި ވަސީލަތްތަކަކީ، ފަންސުރާ، ގަލަމާ ކަރުދާހާ އަދި ވޯކީ ޓޯކީ. އޭރު ވޯކީ ޓޯކީގެ ސިގްނަލް ރަނގަޅަށް ނުލިބޭތީ ދޯނިފަހަރަށް އަރައިގެންވެސް ސިގްނަލް ލިބޭތޯ މަސައްކަތް ކުރަންޖެހޭ. " ސިއްހީ ދާއިރާގެ އޭރުގެ ހާލަތު ބަޔާންކޮށްދެމުން ނަސީމް ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު ފަރުވާ އާއި ހިދުމަތްތައް ވީހާ ވެސް ކައިރިން ފޯރުކޮށްދިނުމަށް ސިއްހީ ދާއިރާގެ ކަންކަން ޑިޖިޓަލް ކުރަންޖެހޭ ކަން ފާހަގަކޮށް ނަސީމް ވިދާޅުވީ މިއަދު ފެށިގެން ދިޔައީ ކުރިމަގަށް ތަސައްވަރު ކޮށްފައިވާ ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމުގެ މުހިއްމު މަސައްކަތުގެ ބިންގާ ކަމަށެވެ. އަދި ފުރިހަމަ އައިޓީ އިންފްރާސްޓްރަކްޗަރާ އެކު ނޫނީ އެ ތަސައްވަރުގައި ކުލަ ނުޖެއްސޭނެކަމަށް ނަސީމް ވިދާޅުވިއެވެ.

ސަރުކާރުން ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 2021 ވަނަ އަހަރު ހެލްތް މިނިސްޓްރީން ވަނީ ފެނަކަ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.