ނޯތް ޕޮލިސް ޑިވިޝަން ގައި ހިމެނޭ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ޖޫން 09، 2021 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައި ވާކަމަށެވެ.

އަދި މި މައްސަލައިގައި އިތުރު ކުދިންތަކެއްވެސް، ތުހުމަތުކުރެވޭ މީހާގެ ސަބަބުން ޖިންސީ ހާނީއްކަ އަށް ހުށައެޅިފައިވާ ކަމަށް ބެލެވޭކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ފުލުހުންނާ އަދި ޖެންޑާ މިނިސްޓްރީން މިހާރު ބަލަމުން އަންނަ ކަމަށާ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުން އެހެން ބުނެފައި ވާއިރު، ރޭ ވަނީނ. އަތޮޅުރަށެއްގައި މަސައްކަތް ކުރާ ޓީޗަރަކު ފުލުހުންގެ ރައްކާތެރިކަމާއެކު ރަށުން ބާލައިގެން ގެންގޮސްފައެވެ.