އަނިޔާ ލިބުނު މީހާއަށް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ކުރި އަސަރާ ގުޅޭ ބަޔާން، ނުވަތަ 'ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް' ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް އިއްޔެ ދީފިއެވެ.

މި ފުރުސަތު އިއްޔެ ދިނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައެއްގައެވެ. އެ މައްސަލައިގައި ވަނީ، ކުޑަކުއްޖަކަށް އޭނާގެ އުމުރުން 8 އަހަރުން ފެށިގެން 18 އަހަރު ފުރެންދެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 54 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނީ، އެ މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އިދާރާ މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި އެ ހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ބަޔާންކޮށްދީފައި ކަމަށެވެ. ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އަނިޔާ ލިބިފައިވާ މީހުން ބާރުވެރިކޮށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރަމުންދާ އުސޫލެކެވެ.

އެ އިދާރާއިން އިތުރަށް ބުނީ، އެ އިދާރާއިން މަސައްކަތްކުރަމުން މި ދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މިގެންދަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ.

މި މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ހައްސާސް މައްސަލައަކަށް ވެފައި، އަނިޔާލިބުނު ކުއްޖާގެ މަޢުލޫމާތު ޙިމާޔަތްކުރުމުގެ ބޭނުމަށްޓަކައި ކުށްކުރި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައި ނުވަނީއެވެ.