އޮގަސްޓު 14 ވަަނަ ދުވަހުގެ ރޭ މާލޭގެ ކަސްޓަމްސް ކައިރީގައި ހުންނަ މ. ހަސޯވާ ގޭގެ، 10 ވަނަ ފަންގިފިލާއިން ވެއްޓިގެން މަރުވި ވިފާގު އިބްރާހިމު އަދުނާނަކީ ޖިންސީ ގޮތުން އެއްވެސް އިރެއްގައި ގޯނާއެއް ލިބިފައިވާ މީހެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގް މަރާ ގުޅިގެން މައުލޫމާތު ދެމުން ބުނީ، ވިފާގްގެ ނަފްސާނީ މައްސަލަ ހުންނަ ކަން ފާހަގަ ވެފައި ވަނީ އޭނާ ސީއެޗްއެސްސީގައި ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްވަރުން ފެށިގެން ކަމަށެވެ. އެގޮތުން ކްލާހުގައި ހުރެ ރުއިން ފަދަ ކަންކަން ފެނިފައިވާ ކަން ފުލުހުން ފާހަގަ ކުރިއެވެ.

މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ. އެގޮތުން ނަފްސާނީ ބައްޔަށް ބޭސް ބޭނުން ކުރާ ކަމަށާއި، ތެރަޕީ ސެޝަންތައް ވެސް ނަގާފައިވާ ކަމަށާއި، ސައިކޮލޮޖީ ފަރުވާ ވެސް ނަގާފައިވާ ކަން ފުލުހުން ފާހަގަ ކުރިއެވެ.

އޭނާ މަރުވި ދުވަހު ފުލުހުން އެ އިމާރާތް ބެލި އިރު، ބެލްކަނީގައި ގޮނޑިއެއް ހުރި ކަމަށާއި އަދި ފަތްތަކެއް ހުރި ސައިތައްޓެއް ހުރި ކަމަށް ބުނެފައި ވެއެވެ. ހަމައެއާއެކު ވިފާގްގެ ކޮޓަރީގައި ފޮއްޓެއްގައި އޮތް ޑިސްޕްލޭ ތަޅައިގެން ގޮސްފައި އޮތް އައިފޯނަކާއި އެނދުމަތީ އޮތް ލެޕްޓޮޕެއްގެ އިތުރުން ނަފްސާނީ ބައްޔަށް ކާ ބޭސްތަކާއި އެފަދަ ފަރުވާ ނަގާފައިވާ ޑޮކިއުމަންޓްތައް ހުރި ފައިލެއް ފުލުހުންގެ ތަހުގީގަށް ނެގި ކަމަށް ފާހަގަ ކުރިއެވެ.

ވިފާގަކީ ޖިންސީ ގޯނާގެ ޝިކާރައަށް ގޮސްފައިވާ ފަރާތެއް ކަމަށާއި އަދި އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައި ވަނީ އެކަމުގެ ސަބަބުން ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކަށް ރައްދު ދެމުން ފުލުހުން ބުނީ، ވިފާގްގެ ހަށިގަނޑު ގެންގޮސް ހެދި ތަހުލީލުތަކުގައި އޭނާއަކީ ބިކުރުވެރި އަންހެނެއް ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ވިފާގްގެ މަރުގެ ތަހުގީގުގެ ތެރެއިން އެ އަންހެން މީހާގެ ބައްޕަ ދިން ބަޔާނުގައި ޖިންސީ ގޯނާއަށް ޝައްކު ކުރެވޭ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ފާހަގަ ކުރިއެވެ.

ނަފްސާނީ ގޮތުން އޭނާއަށް އަސަރުތަކެއް ކޮށްފައި ވަނީ މަންމައާއި ބައްޕަގެ ވަރިއަށް ފަހު އާއިލާ ރޫލުމުގެ ސަބަބުން ކަމަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި ބުލީ ކުރުމާއި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އޭނާއަށް ތުހުމަތުވާ ކަމަށް ގަބޫލު ކުރެވުން ފަދަ ކަންކަމަކީ ނަފްސާނީ ގޮތުން ވިފާގަށް އަސަރު ކުރި ކަންކަންކަމަށް ވެސް ފުލުހުން ބުނެއެވެ.

އަދި މި މައްސަލައިގައި މިހާތަނަށް ކުއްޖާގެ މަންމަ އާއި ބައްޕަ އާއި ދޮންބައްޕަ ގެ އިތުރުން އާއިލާ މީހުންނާއި އެ އިމާރާތުގެ އެހެން ފަންގިފިލާތަކުގައި ދިރިއުޅޭ މީހުންނާއި އެ ހާދިސާ ހިންގި އިރު އެ ސަރަހައްދުގައި ތިބި މީހުންނާ ސުވާލު ކުރި ކަމަށް ފުލުހުން ބުނެއެވެ. ވިފާގަށް ނަންސާނީ ގޮތުން ރާއްޖެއިންނާއި އިންޑިއާއިން އަދި ޔޫކޭއިން ވެސް ފަރުވާ ހޯދާފައިވާ އިރު، އެތަންތަނުގެ ލިޔެކިޔުންތަކާއި މެޑިކަލް ރިޕޯޓްތަކުން ވަނީ މައުލޫމާތު އެއްކޮށްފައެވެ.

ނަމަވެސް އަދި މި ތަހުގީގުގައި ވިފާގެ ތެރަޕީ ސެޝަންތަކުގައި އުޅުނު ޑޮކްޓަރުންނާއި ތެރަޕިސްޓުންނާ ސުވާލު ކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށާއި މި ތަހުގީގު އަދި ކުރިއަށް ދާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ. މީގެ ކުރިން އެތައް ފަހަރަކު ވިފާގްގެ ފަރާތުން އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތް ކުރާނެ ފަދަ ކަންކަން ފާހަގަވެފައިވާ ކަން ވެސް ފުލުހުން ދިން މައުލޫމާތުގައި މިއަދު ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން 2023 ވަނަ އަހަރު ވިފާގް ޔޫކޭގައި ހިސްޓްރީ އެންޑް ޕޮލިޓިކްސް ކިޔަވަން ހުރި ދުވަސްވަރު މަންމަ އަށް ގުޅައިގެން ވާހަކަ ދެއްކި ދުވަހެއްގައި ވިފާގް ބޭސްތަކެއް ކެއި ކަން ފުލުހުން ފާހަގަ ކުރިއެވެ. ހަމައެއާއެކު ދެން ގުޅި ދުވަހެއްގައި ގުޅި އިރު ވިފާގް ހުރީ ބޯ ބާލާފައި ކަމަށް ވެސް މަންމަ ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހިސާބުން މަންމަ އެދިގެން އަދި މަންމަ ފަރާތުން ހަރަދުކޮށްގެން ވިފާގްގެ ބައްޕަ ވަނީ ޔޫކޭއަށް ގޮސް ވިފާގް އަނބުރާ މާލެއަށް ގެނެސްފައެވެ.

އޭގެ ފަހުން މިއަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ، ވިފާގް ވަނީ ގެއިން ނިކުމެގެން ގޮސްފައެވެ. އަދި އެ ދިޔަ ގޮތަށް ފޯނަށް ޖަވާބު ނުދީ ގެއަށް އެނބުރި ނައުމުން އޭނާގެ މަންމަ ވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ. އެރޭ ވިފާގް ހުރީ ބްރިޖު ބަލާ ޕްލެޓް ފޯމް މަތީގައި ކަމުން އެތަނަށް ފުލުހުން އޭނާގެ މަންމައާ އެކު ވަނީ ގޮސްފައެވެ. އެ ދުވަހު ގެއަށް ދާނީ ދޮން ބައްޕަ އޭނާ ގާތުން މައާފަށް އެދުމުން ކަމަށް ވެސް ވިފާގް ބުނެފައި ވާ ކަން ފުލުހުން ފާހަގަ ކުރިއެވެ.

އެ ހާދިސާގައި ވިފާގް ގެއިން ނިކުތީ މަންމައާ އަޑު ބާރުކޮށް ވާހަކަ ދައްކާތީ އެ ގޮތަށް ވާހަކަ ދައްކަންޏާ އެ ގޭގައި ނުހުރެވޭނެ ކަމަށް ދޮން ބައްޕަ ބުނުލުން ކަމަށް މަންމަ ބުނެފައި ވެއެވެ. އަދި އެރޭ ގެއަށް ދާން ވިފާގް ދެކޮޅު ހެދުމުން ވިކްޓިމް ސަޕޯޓްގެ އެހީތެރިކަން ވެސް ފޯރުކޮށް ދިން ކަމަށާއި ފަހުން ވިފާގް ވަނީ ގެއަށް ދާން ބޭނުން ކަމަށް ބުނެ އެރޭ 3:45 ހާއިރު މަންމަ އާއެކު ގެއަށް ގޮސްފައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.