ކޮވިޑްގެ ހާލަތު ގޯސްވެ، މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުން ހުއްޓާލަން އެޗްޕީއޭއިން އަންގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

މިފަދަ ނިންމުމެއް ނިންމާފައި ވާއިރު، މިއަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތުަގއި މާލޭގައި ނުބާއްވަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެހެން ނިންމާފައި ވަނީ ކޮވިޑުގެ ހާލަތު ގޯސްވަމުން ދާތީއެވެ.

އެޗްޕީއޭން އަޅާފައިވާ ފިޔަވޅުތައް ހަރުކަށި ކުރަމުން ދާއިރު މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް ވަނީ އަންގާފައިވެއެވެ. ޕޮލިސް ހުއްދައާއެކު މެންދަމު 12 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭއިރު، ގައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށް އެޗްޕީއޭން ވަނީ ބުނެފައެވެ.

އަދި ހަވީރު 4 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގަންވެސް ވަނީ ނިންމާފައެވެ. އެ ވަގުތު ތަކުގައި ފުލުހުންގެ ހުއްދައާ ނުލާ ބޭރުގައި އުޅުން މަނާ ވާނެެއެވެ.

ހަރުކަށި ފިޔަވަޅު ތަކެއް އެޅުމަށް ނިންމާފައި ވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާއިރު އިއްޔެ ވެސް ވަނީ 1204 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 37،019 އަށް އަރާފައެވެ. އަދި މި ބަލީގައި 87 މީހަކު ވަނީ މަރުވެފައެވެ.