ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައި ވާއިރު، މި ރޯދަ މަހު ވެކްސިން ޖަހާ ގަޑިއަކީ ރޭގަނޑު 9 އިން 11 އަށެވެ. ރަމަޟޯން މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖެހުމުގެ ހިދުމަތް މެދުކަނޑާލި ނަމަވެސް މިރޭ ވަނީ ވެކްސިން ޖަހަން ފަށާފައެވެ.

މިރޭ ވެކްސިން ކިއު ހުޅުވާ ނުލަނީސް، އިޝާ ނަމާދަށް ފަހު ގިނަ ބަޔަކު ވަނީ ކިއު ހަދަން ފަށާފައެވެ. މިރޭ ހުރިހާ މަރުކަޒެއްގައި ދިގު ކިއުތައް އޮތް އިރު ހާއްސަކޮށް ސޯޝަލް ސެންޓަރަށް ވެކްސިން ޖެހުމަށް ގޮސް ތިބި މީހުންގެ ކިއު ހިރިޔާ ސްކޫލާ ހަމައަށް ވަނީ ގޮސްފައެވެ.

ވެކްސިން ޖަހަން ސޯޝަލްސެންޓަރު ކައިރީގައި ކިއު ހަދާފައި / ފޮޓޯ: ދަ ޕްރެސް

ސޯޝަލް ސެންޓަރު އެކަންޏެއް ނޫނެވެ. މިއީ ވެކްސިން ޖަހާ ހުރިހާ ސެންޓރެއް ވެސް މިރޭ އޮތް ގޮތެވެ.

ވެކްސިން ޖަހަން ޓްރީ ޓޮޕް ހޮސްޕިޓަލަށް ގޮސް ތިބި މީހުން / ފޮޓޯ: ދަ ޕްރެސް

މިރޭ ވެކްސިން ޖަހައިދޭނީ ހުސްވި ފެބްރުއަރީ މަހުގެ 1 އިން 17 އާ ދެމެދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ. މީގެ އިތުރުން މީގެ 8 ހަފްތާ ކުރިން ފުރަތަމަ ޑޯޒް ޖެހި މީހުންނާއި، ރާއްޖެއިން ބޭރަށް ދަތުރު ކުރަން ޖެހޭ މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ޖެހިތާ 4 ހަފްތާ ވެފައިވާ މީހުންނަށެވެ. މި މީހުން ވެކްސިން ޖަހަން ދާއިރު، ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަން އެނގޭނެ ލިޔުން ގެންދަން ޖެހެއެވެ.

ރޯދަ މަހު ޖުމްލަ 7 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ދޭނެއެވެ.

އެގޮތުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ޖަހައިދޭނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާޓް ގެލެރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލޭ ވެކްސިން ސެންޓަރު، އަދި ވިލިމާލޭ ވެކްސިން ސެންޓަރާއި ސެނަހިޔާ ހޮސްޕިޓަލުންނެވެ. އަދި ސިނޯފާމްގެ ފުރަތަމަ ޑޯޒު ޖަހައިދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 1 އިން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަމުން ދާ އިރު، ދެވަނަ ޑޯޒް ޖަހަން ފަށާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 9 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށް ދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި އޮތޮޅުތަކުން 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ.

މިދިޔަ އާދިއްތަ ދުވަހު ހުޅުމާލެ ހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުގައި ފައިޒާ ވެކްސިން ޖަހަން ފަށާފައި ވާއިރު އެ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓާ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ފައިޒާ ވެކްސިންގެ ޖެހުމަށް ހަމަޖެހިފައި ވަނީ 16 އަދި 17 އަހަރުގެ ކުދިންގެ އިތުރުން 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައި ވާ ހާއްސަ ހާލަތްތަކުގައި ވާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވެކްސިންގެ ފްރުތަމަ ޑޯޒް މިހާތަނަށް 265،235 މީހަކު ވަނީ ޖަހާފައެވެ. އަދި 2 ވަނަ ޑޯޒް 14،951 މީހަކު ޖަހާފައި ވެއެވެ.