މިސަރުކާރު އައުމުގެ ކުރިން އަތޮޅުތެރޭގައި 153 މެގަވޮޓާއި ހަމަޔަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން އޮތް ނަމަވެސް، މި ސަރުކާރުން އެކަނި 2 އަހަރު ތެރޭގައި މާލެ ސަރަހައްދުން ބޭރުގައި 180 މެގަވޮޓް ކަރަންޓު އިތުރަށް އުފެއްދުމުގެ ގާބިލުކަން އިތުރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ރޭ، އއ. ރަސްދޫގައި ބޭއްވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވަމުން އަންނަ ކަރަންޓުގެ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަފްސީލުކޮށް އަލިއަޅުއްވާ ލައްވާފައެވެ.

އެގޮތުން، ރައީސް ވިދާޅުވީ އަލަށް ގެނައި 176 ޖަނަރޭޓަރުގެ އެހީއާ، އަލަށް ވަޅުލި 402,303 މީޓަރުގެ ކޭބަލް ގެ އެހީއާ، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ އިންޖީނުގެތަކުގެ އެހީ އަދި، އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ލިބޭނެކަން ކަށަވަރު ކުރެވިއްޖެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތަށް 487 ދަނޑުވެރިއަކާއެކު ސޮއިކޮށްފައިވާ ކަމަށާއި، ޖުމްލަ 12 އަތޮޅެއްގެ 35 ރަށެއްގެ ދަނޑުވެރިން އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ކަރަންޓާއި އެއްފަދައިން، މިއިން ޒަމާނަކު ނެތް ވަރަށް އައިސްޕްލާންޓް އަދި ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ މި ސަރުކާރުގައި އިތުރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި މި ލަނޑުދަނޑި ހާސިލުވެ ނިމޭއިރު އިތުރު 525 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓް 20 ރަށެއްގައި އަލަށް ގާއިމުކުރެވޭނެ ކަމަށާއި، އިތުރު 9,700 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަލަށް ގާއިމުވެ ނިމޭނެކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.