އަންނަ މަހުގެ 10ގެ ނިޔަލަށް ޖޫރިމަނާއަކާ ނުލައި ވޯކްޕާމިޓް ފީ ބަލައިގަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ވޯކް ޕާމިޓް ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިބަދަލާ ގުޅިގެން، އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕާމިޓް ފީ ދެއްކެވުމުގައި ސިސްޓަމް ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުން ދާކަން މިނިސްޓްރީ އަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، މާޗް 10، 2021 ދުވަހުގެ ނިޔަލަށް، ޖޫރިމަނާއަކާ ނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކްޕާމިޓް ދޫކުރަން ފަށާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެންނެވެ. އަދި އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގައި ވަޒީފާއަދާ ކުރުމަށް އަލަށް ގެންނަ ބިދޭސީންނާއި މިމަހު 14 ވަނަ ދުވަހުގެ ނިޔަލަށް ގެނެސްފައިވާ ބިދޭސީންނަށް ވޯކް ޕާމިޓް ހޯދަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވޯކް ޕާމިޓް ނެތި މަސައްކަތް ކުރާ ބިދޭސިންގެ އަދަދު ގިނަވެފައި ވާ އިރު، އެފަރާތްތައް ގަވައިދަށް ފެއްތުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.