ކުޅުދުއްފުށި ޕޯޓް (ބަނދަރު) އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތްތައް ފެށުމަށް އިކޮނޮމިކް މިނިސްޓްރީއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ބަނދަރަކީ ދިވެހިރާއްޖޭގެ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ވިއުގަ އަކުން ރަށްތައް ގުޅާލައި، އަތޮޅު ތެރޭގެ ވިޔަފާރި ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުތަކުގެ ތެރޭގައި ހިމެނޭ ބަނދަރެކެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި މަޝްރޫއުގެ އަމާޒަކީ ހއ، ހދ، ށ، ނ، އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ލިބޭނެހެން ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަކޮށް ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
މި މަޝްރޫއުގެ ދަށުން:
- ކުޅުދުއްފުށީ ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުން
- ކާގޯ ހޭންޑްލިން ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުން
- ރައްޔިތުންނަށް ބޭނުންވާ ބުދަލުގެ ބާވަތްތަކުގެ އިތުރުން ތަރުކާރި އަދި މޭވާ ފަދަ އަވަހަށް ހަލާކުވާ ބާވަތްތައް ތާޒާކަންމަތީ ރައްކާތެރިކަމާއެކު ބެލެހެއްޓޭންފަދަ ވަސީލަތްތައް ގާއިމުކުރުން
ކުޅުދުއްފުށި ބަނދަރު އެކްސްޓެންޑް ކުރުމުގެ މަޝްރޫއު ފަށައިގަތުމަށް ސޮއިކުރެވުނު މި އެއްބަސްވުމަކީ ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން އަތޮޅުތެރެއަށް މުދާ އުފުލާނެ ނިޒާމެއް ގާއިމްކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅުކަން އިކޮނޮމިކް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނީ ސަރުކާރުގެ އަމާޒަކީ އަތޮޅުތެރޭގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ހަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރެވި، ރާއްޖޭގެ އިގްތިސޯދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާންއެވެ.