ތުރުކީން ދިވެހި ސިފައިންނަށް މަނަވަރެއް ހަދިޔާކުރުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފައި ވަނިކޮށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ގައުމަށް މިއަދު ފުރާވަޑައިގެންފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުން ސައީދުގެ މި ދަތުރުގައި ތުރުކީ އާއި ބައިނަލްއަގުވާމީ އެކި ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ. އަދި މި ބައްދަލުވުންތަކުގެ ބޭނުމަކީ ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވެސް މިނިސްޓްރީގެ ޕޯސްޓުގައި ވެއެވެ.

ތުރުކީގެ މީޑިއާތަކުގައިވާ ގޮތުން އެ ގައުމުން ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ޓީސީޖީ ވޯލްކަން (ޕީ-343) މަރުކާގެ މަނަވަރެކެވެ. ބޭރުގެ ބައެއް ނޫސް އޭޖެންސީތަކާ ހަވާލާދީ ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ ގައުމުން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަނީ ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ރިޕޯޓުގައިވާ ގޮތުން މި މަނަވަރު މި މަހާއި ޖޫން މަހާ ދެމެދު ކަނޑުމަގުން ރާއްޖެ ގެނެވޭނެއެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް، މަނަވަރުގައި މަސައްކަތްކުރުމަށް ދިވެހި ސިފައިން ތަމްރީނުކުރާނެ ކަމަށާއި، މަނަވަރު ބޭނުންކުރަން ފެށުމަށް ފަހު ދެ ހަފްތާ ވަންދެން ތުރުކީގެ ކަނޑުމަތީ އަސްކަރިއްޔާގެ އިންސްޓްރަކްޓަރުންގެ އެހީތެރިކަން ލިބެމުންދާނެ ކަމަށް ވެސް ވެއެވެ.

މި މަނަވަރު ހަދިޔާ ކުރާކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަނަވަރު ރާއްޖެ ގެނެސް ބޭނުންކުރަން ފެށުމަށްޓަކައި ދިވެހި ސިފައިންނަށް ބޭނުންވާ ތަމްރީނު ތުރުކީގައި މިހާރު ދެމުން ގެންދާ ކަމަށެވެ.

އަދި މި އުޅަނދު ހިދުމަތަށް ނެރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު ބައިވެރިއެއްގެ ހައިސިއްޔަތުން ރާއްޖޭން އަދާކުރަން ޖެހޭ ދައުރު ހާސިލުކުރުމުގައި އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުނެފައި ވެއެވެ.