ޕޯޓެއް ނެތި ފެށި ބަންކަރިން ހިދުމަތް ކުރިއަށް ދާ ކަމަށާއި އެދެވޭ އުންމީދީ ރަނގަޅު ނަތީޖާއެއް ވެސް ލިބެމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި. ިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތް ފެށި ފަހުން އެ މަސައްކަތް ހުއްޓާ ނުލާ ކަމަށާއި ޕޯޓެއް ނެތް ނަމަވެސް އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތް ފެށި އިރު މަސައްކަތާ ހަވާލުވެފައި ވަނީ އެސްޓީއޯ އިން ކަމަށާއި އަދިވެސް އެ މަސައްކަތް އެ ކުރަނީ އެސްޓީއޯ އިން ކަމަށް ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތް ދޭން ފެށި އިރު ވެސް ޕޯޓެއް އެ ސަރަހައްދުގައި ނެތް ކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، އެ ސަރަަހައްދުގައި ޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. ޕޯޓެއް ނެތި ބަންކަރިން ހިދުމަތް ފެށި ސަބަބު ހާމަކުރައްވަމުން ސައީދު ވިދާޅުވީ، އެއްވެސް އުޒުރެއް ހުއްޖަތެއް އޮވެގެން އެ މަސައްކަތް ނުފަށައި ލަސްކުރަން ބޭނުން ނުވީ ކަމަށެވެ. ސަރުކާރާ ހަވާލުވުމަށް ފަހު ބެލީ ރާއްޖެއަށް އަމްދަނީ ލިބޭނެ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި މަޝްރޫއުތައް އަވަހަށް ފެށުން ކަމަށް ސައީދު ވިދާޅުވިއެވެ.

ބަންކަރިން ހިދުމަތް ދިނުމުގައި ރާއްޖޭގައި މަސައްކަތްކުރާ ބައެއް ދިވެހި ޕްރައިވެޓް ކުންފުނިތަކާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ފެށީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ، މި ދެ ބޯޓު ބޭނުން ކޮށްގެންނެވެ. އެސްޓީއޯ އާއި ވިޓޯލް ގުޅިގެން ބަނދެފައިިވާ މި ދެ ބޯޓަކީ ބަންކަރިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބަނދެފައިވާ، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ދެ ބޯޓެވެ.