ޑޮލަރު ގަންނަން ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރަށް ވަންނަން ނުޖެހޭ ހިސާބަށް ދިއުމުން ބްލްކެ މާކެޓްގައި ޑޮލަރުގެ އަގު ވެއްޓިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ. ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާ އެއްގޮތަށް ބޭންކްތަކަށް ރިސޯޓްތަކުން ޑޮލަރު މާރުކުރަން ފެށުމާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށް ވާން ފަށާފައިވާ ކަަމަށް ސައީދު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން ބޭންކްތަކަށް ރިސޯޓްތަކުން ޑޮލަރު މާރުކުރި އަދަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިއްސާ ކުރައްވާފައިވާ އިރު، ރައީސް ވިދާޅުވެފައި ވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައި ވާ ކަމަށާއި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

ސައީދު ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މާ ބޮޑަށް ދަށަށް ދާ މަންޒަރު ނުފެނުނަސް މިހާރު އެހާ ގިނަ އަދަދަކުން ބޭންކްތަކަށް ޑޮލަރު ވަންނަމުންދިއުމަކީ އޭގެ ނަތީޖާ އަވަހަށް ފެންނާނެ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާ ވާ ކުންފުނިތަކުން ޑޮލަރު ހޯދުމަށް ކަޅު ބާޒާރަށް ވަނުން ހުއްޓާލާނެ ކަމަށާއި އެހާ ހިސާބުން ކަޅު ބާޒާރަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަަމަށެވެ. މިހާރު ވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވަމުން އަންނަ މަންޒަރު ފެންނަމުންދާ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ.

ޑޮލަރުގެ މައްސަލައަކީ ޒަމާނުއްސުރެއް އޮތް މައްސަލައެއް ކަމަށާއި މިކަން ހައްލު ކުރުމަށް ހުރިހާ ސަރުކާރަކުން ވާހަކަ ދެއްކި ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މިކަން ހައްލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ފިޔަވަޅުތަކެއް އެޅުއްވީ ރައީސް މުއިއްޒު ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ހައްލުތައް އެމަނިކުފާނު ހޯއްދަވައި ދެއްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިދިޔަ ނޮވެމްބަރު 17 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދާ ގެނައި ބަދަލާ އެކު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބޭނެ ފައިދާތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން 2026 ގެ ފުރަތަމަ ކުއާޓަރު ތެރޭގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެއާޕޯޓުން 1000 ޑޮލަރު މާރުކުރެވޭނެ ގޮތަ ހަމަޖައްސާނެ ކަމަށާއި 2026 ގެ ފުރަތަމަ ކުއާޓަރު ނިންމާލާއިރު، ކްރެޑިޓް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އިތުރު ކުރެވޭނ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު 2025 ގެ މެދުތެރެއަށް ވިޔަފާރުވެރިން މުދާ އިމްޕޯޓް ކުރުމަށް ބޭންކްތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުު ކުރެވޭނ ކަމަށާއި ސަރުކާރު ކުންފުނިތަކަށް ކަޅު ބާޒާރުން ޑޮލަރު ގަތުމުގެ ބަދަލުގައި ބޭންކް ރޭޓްގައި ޑޮލަރު ގަނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.