މެލޭޝިއާގައި މިވަގުތު ތިބި މިޔަންމާގެ ގައިދީން އަނބުރާ ގައުމަށް ފޮނުވާލުމަކީ އެމީހުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަނިވި ކަމަކަށް ވެދާނެ ކަމެއް ކަން ފާހަގަކޮށް އެ ގައިދީން ޑީޕޯޓް ނުކުރާން، އދއާއި އެމެރިކާއިން މެލޭޝިއާއަށް ގޮވާލައިފިއެވެ.

ރެފިއުޖީންނާ ބެހޭ އދގެ އޭޖެންސީއިން ބުނީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މެލޭޝިއާއިން ޑީޕޯޓްކޮށްލާ މިޔަންމާގެ 1200 އެއްހާ ގައިދީންގެ ތެރޭގައި ހިމެނޭ 6 މީހަކު، މިހާރުވެސް އެ އިދާރާގައި ދަފުތަރު ވެފައި ވާ ކަމަށެވެ.

އދއާއި އެމެރިކާއިން މިފަދަ ރޫހެއްގައި މެލޭޝިއާއަށް އިންޒާރު ކޮށްފައި ވާއިރު، މިޔަންމާގެ އަސްކަރީ މަނަވަރުތައް މިހާރު ދަނީ މެލޭޝީއާއާ ކައިރި ކުރަމުންނެވެ. މި މަނަވަރުތަކަކީ މެލޭޝިއާގައި ތިބި މިޔަންމާގެ ގައިދީން އަނބުރާ ގައުމަށް ގެންދިއުމަށް ދަތުރު ކުރާ މަނަވަރުތަކެއް ކަމަށް ހަބަރު ލިބެއެވެ.

އާންގް ސަން ސޫޗީގެ ވެރިކަމުގައި މިޔަންމާގެ މުސްލިމުން ދިރިއުޅެމުން ދިޔައީ އަންގަމަތި ޖަލެއްގައި / ފޮޓޯ: އަލްޖަޒީރާ

މެލޭޝިއާއިން ޑީޕޯޓް ކުރަން ނިންމާފައި ވާ މިޔަންމާގެ ރައްޔިތުންގެ ތެރޭގައި، މެލޭޝިއާގެ ހިމާޔަތަށް އެދިގެން އެ ގައުމަށް ދަތުރު ކުރި މީހުންވެސް ހިމެނެއެވެ. މިޔަންމާގެ ރައްޔިތުން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް މެލޭޝިއާއިން މަސައްކަތް ފެށީ، މިމަހުގެ 1 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ވެރިކަމާ ހަވާލުވި އެ ގައުމުގެ އަސްކަރިއްޔާއިން، މަނަވަރު ފޮނުވައިގެން މީހުން ބޭލުމުގެ މަސައްކަތް ކޮށްދޭނެ ކަމަށް ހުށަހެޅުމުން ކަމަށް އޮފިޝަލުންނާއި، ރެފިއުޖީ ގުރޫޕުތަކުން ބުނެއެވެ.

މެލޭޝިއާއިން ވަނީ، ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް)ގައި ދަފުތަރު ކޮށްފައިވާ މިޔަންމާގެ ރޯހިންޏާ މުސްލިމުންނާއި ރެފިއުޖީން ޑީޕޯޓް ނުކުރާނެ ކަމަށް ވައުދުވެފައެވެ.

ފެބުރުއަރީ 1، 2021 ވަނަ ދުވަހު މިޔަންމާގައި ކުރި އަސްކަރީ ބަޣާވާތަށް ފަހު، އަސްކަރިއްޔާއިން ފޯރިމަރަނީ / ފޮޓޯ: ޖަޕާންޓައިމްސް

ނަމަވެސް އދއިން މިހާރު ކަންބޮޑުވަމުން ދަނީ، ދަފުތަރު ނުކޮށް ތިބި ރެފިއުޖީން ޑީޕޯޓް ކުރުމަށް މެލޭޝިއާއިން އަމާޒު ހިފާފައި ވާއިރު، އެ ހައްޔަރީންނާ އިންޓަވިއު ކުރުމުގެ ފުރުސަތު ޔޫއެންއެޗްސީއާރްއަށް ދީފައި ނުވާތާ އަހަރެއްހާ ދުވަސް ފާއިތުވެފައި ވާތީއެވެ.

މެލޭޝިއާއަކީ ރެފިއުޖީޏްގެ ދަރަޖަ ބަލައިގަންނަ ގައުމެއް ނޫނެވެ. މެލޭޝިއާއިން ދަނީ، ރެފިއުޖީންގެ އިތުރުން، ގަވައިދާ ހިލާފަށް އުޅޭ ހިޖުރަވެރިން ހައްޔަރު ކުރަމުންނެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީ ބޭނުން ވެފައިވާ ބަޔަކު ޑީޕޯޓް ކުރުމަށް މެލޭޝިއާއިން ކުރަމުންދާ މަސައްކަތާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޑު އުފުލަމުންދާ ދިއުމަށް މެލޭޝިއާގެ ސަރުކާރުން އަދި ރައްދު ދީފައެއް ނުވެއެވެ.